ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ކުށުގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، މާދަމާއަށް ތާވަލު ކުރި އިސްތިއުނާފު އަޑުއެހުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް ކެންސަލް ކޮށްފިއެވެ.
މިކަން ހާމަ ކޮށްފައިވަނީ ހައި ކޯޓުންނެވެ. އެގޮތުން ކެންސަކް ކޮށްފައި ވަނީ މި މައްސަލާގައި ހައިކޯޓުގައި ބޭއްވުމަށް ތާވަލުކުރި 6 ވަނަ އަޑުއެހުމެވެ.
މިކަމާ ގުޅިގެ 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ، ޝަރީއަތް ކެންސަލް ކުރުމަށް އެދިފައި ވަނީ ރައީސް ޔާމީނާ އެކަހެރިކޮށް ބައްދަލުވެވޭނެ އިންތިޒާމް ހަމަޖައްސައިދީފައި ނުވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ، އެކަހެރި ބައްދަލުވުމަކަށް އެދި ކަރެކްޝަނަށް ފޯމު ލި ކަމަށާއި، އޭރު ފޭސް ޓު ފޭސް ކޮށް ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެވެން ނެތް ވާހަކަ އަންގާފައި ނުވާ ކަމަށެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިން ކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް އެއީ ބޭނުންވާ ގޮތް ނޫން ކަމަށް ވުމުން އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ވެސް ވަނީ ވަކީލުންގެ ފަރާތުން އެކަމަށް އެދިލައްވާފައެވެ.
ޝަމީމް ވިދާޅުވީ މިއަދާ ހަމައަށް ވެސް ރައީސް ޔާމީނާ ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ނެތުމުން ޝަރީއަތް ކެންސަލް ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ޝަރީއަތް ކެންސަލް ކުރުމަށް އެދުނު އަނެއް ސަބަބަކީ މާލޭގައި ކޮވިޑް-19ގެ ހާލަތު އޮތް ގޮތުން ކަމަށެވެ. މިހާ ބާރަށް ކޮވިޑް-19 ފެތުރެމުން ދާއިރު ރައީސް ޔާމީން މާލެ ގެނައުމަކީ އެންމެ ރައްކާތެރިގޮތް ކަމުގައި ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.