މާދަމާ ބޭއްވުމަށް ތާވަލު ކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންނަ ހަފުތާއަށް ފަސް ކުރަން ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނީ މާދަމާ ބޭއްވުމަށް ހަމަޖެއްސި މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާ އަންނަ ހަފްތާ އަށް ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ.
ނަމަވެސް ކުރިއަށް އޮތް ތިން ދުވަހު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މަޖިލީހުގެ އިދާރާ ވެސް ހުންނާނީ ހުޅުވިފައި ކަމަށް ވަނީ ބުނެފައެވެ.
އެބަޔާޏުގައި އިތުރަށް ބުނީ ކުރިއަށް އޮތް ތިން ދުވަހު އޮފީހަށް ނިކުންނާނީ ކޮޓީތަކުގެ މަސައްކަތްކުރަމަށް ބޭނުންވާ މަދު އަދަދެއްގެ މުވައްޒަފުން ކަމަށެވެ. އަދި އެހެން މުވައްޒަފުން ގޭގައި ތިއްބެގެން މަސައްކަތް ކުރުމަށް މަޖިލީހުގެ ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށް އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މަޖިލީހުން ކޮވިޑަށް ވަނީ ތިން މީހަކު ޕޮޒިޓިވްވެފައެވެ. އަދި މަޖިލީސް ޑިސްއިންފެކްޓް ކުރުމަށްފަހު މަޖިލީހުގައި ޖަލްސާތައް ވަނީ ބާއްވަން ފަށާފައެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މެންބަރުން ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ. އަދި މަޖިލީހުގެ މެންބަރުންނުން ފެށިގެން މަޖިލީހުގެ މުވައްޒަފުންވެސް ތިބެނީ މާސްކު ވެސް އަޅައިގެންނެވެ.