މިމަހުގެ 6 އާ ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތް ތަކެއް އޮންލައިން ކޮށް ދިނުމަށް ވެސް ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އަދި ސަރުކާރުގެ އޮފީސްތައް ބަންދު ކުރި މުއްދަތުގެ ތެރޭގައި ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމާއި ކޮވިޑް-19 ބަލި ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ފެތުރެން ފެށުމާ ގުޅިގެން، އެ ބަލި ޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލި ޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރޭ އަމުރުތަކާއި، އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރަން ވަނީ އަންގަވާފައެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން ސިޓީ ކައުންސިލްތަކުގައްޔާއި، އަތޮޅު ކައުންސިލުތަކުގައްޔާއި، ރަށްރަށުގެ ކައުންސިލުތަކުގައި އުފައްދާފައިވާ ޓާސްކް ފޯސްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ކައުންސިލްތަކުން ކަންކަން ރާވާ ހިންގުމަށްވެސް ވަނީ އަންގަވާފައެވެ.

އަދި ކޮންމެހެން ބޭނުންވާ ޒަރޫރީ ހިދުމަތްތައް ދިނުމަށްވެސް ރައީސް ވަނީ ދަންނަވާފައެވެ.

އެގޮތުން ދޭން ޖެހޭ ހިދުމަތްތައް؛

  • (ހ) ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛
  • (ށ) ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛
  • (ނ) ބްރޯޑްކާސްޓިންގގެ ޚިދުމަތް؛
  • (ރ) ފޯނާއި އިންޓަރނެޓުގެ ޚިދުމަތް؛
  • (ބ) ބޭންކުތަކުން ދޭ ޚިދުމަތް؛
  • (ޅ) ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛
  • (ކ) ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛
  • (އ) ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛
  • (ވ) ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛
  • (މ) ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛
  • (ފ) ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛
  • (ދ) ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛
  • (ތ) އިޖުތިމާޢީ ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
  • (ލ) ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛
  • (ގ) ޖަލުތަކުގެ ޚިދުމަތް؛
  • (ޏ) ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކައިލުމުގެ ޚިދުމަތް؛
  • (ސ) މޫސުމާބެހޭ ޚިދުމަތެވެ.

މި ދިޔަ މަހުގެ 26 އަދި 27 ބަންދު ކަމަށް ހަމަޖައްސާފައި ވަނީ މިނިވަން ދުވަހަކާ ގުޅިގެންނެވެ. އަދި އެ މުނާސަބަތާ ގުޅިގެން 28 އަދި 29 ބަންދު ކުރިއެވެ. އެއަށްފަހު މި ހުސްވި މަހުގެ 30 ވީ ހައްޖު ދުވަހާއި ޖުލައި 31 ވި އަޟްހާ އީދުވެސް ބަންދެވެ. އަދި އޯގަސްޓް 1 އެއް ހޮނިހިރަކަށް ވާތީ އޯގަސްޓް 2 އަދި 3 މި ދެ ދުވަސް ބަންދު ކުރީ އަޟްހާ އީދާ ގުޅިގެންނެވެ.