ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު މިދިޔަ މަހު އެންމެ ގިނައިން ފަތުުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޔޫކޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިމިގްރޭޝަނުން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބޯޑަރު ހުޅުވާލި ފަހުން މިދިޔަ މަހު ޖުމްލް 1769 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
އެގޮތުން އެންމެ ގިނައިން އައިސްފައި ވަނީ ޔޫކޭ އިން 258 ފަތުރުވެރިއެކެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އެމެރިކާ އިން 189 ފަތުރުވެރިއެވެ. ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޔުނައިޓެޑް އަރަބް އެމިިރޭޓްސް (ޔޫއޭއީ) އިންނެވެ. އެގައުމުން 143 ފަތުރުވެރިން އައިއިރު ޖަރުމަނުން ރާއްޖެއަށް ޒިޔާރާތްކުރީ 135 ފަތުރުވެރިންނެވެ.
ސްވިޒަލޭންޑުން 79 ފަތުރުވެރިން އައިސްފައިވާއިރު ސްޕެއިނުން އައިސްފައި ވަނީ 62 ފަތުރުވެރިންނެވެ. އޭގެ އިތުރުން، އެ މުއްދަތުގައި ފްރާންސް އާއި ރަޝިޔާ އިން ރާއްޖެއަށް ޒިޔާރާތްކުރީ 58 ފަތުރުވެރިންނެވެ. އަދި ޖުލައި މަހުގެ ތެރޭގައި އިޓަލީން 44 ފަތުރުވެރި އަކާއި ފިލިޕިންސް އިން 43 ފަތުރުވެރިން އައިސްފައި ވާއިރު، އެހެން ގައުމުތަކުން އިތުރު 700 ފަތުރުވެރިއަކު ވެސް ރާއްޖެއަށް ވަނީ ޒިޔާރާތްކޮށްފައެވެ.
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު އޮން އެރައިވަލް ވިސާ ހަމަޖައްސާ އިރު ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމަކަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އައި ފަތުރުވެރިެަކު ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭނާ ޕޮޒިޓިވް ވުމަށްފަހު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.
ރާއްޖެ އައި ފަތުރުވެރިއަކު ޕޮޒިޓިވް ވެފައި ވާއިރު، ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ކޮވިޑަށް ޓެސްޓު ކުރަން ނިންމާފައެއް ނުވެއެވެ. ނަމަވެސް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑްގެ އަލާމަތް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފަތުރުވެރިންގެ ތެރެއިން 38 ޑިގްރީއަށް ވުރެ މަތިން ހުން އައިސްފައި ހުރުމާއި ކެއްސާ ކިނބިހި އަޅާނަަމަ ކޮވިޑް ޓެސްޓު ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ބަލީގެ އަލާމާތް ހުރެއްޖެ ނަމަ އެ ފަރާތްތައް ޓެސްޓު ކުރުމުގެ ކަންކމާއި އެކަހެރި ކުރުމުގެ ކަންކަން ވަނީ ހަމަަޖައްސާފައެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިން ބުކިން ހަދާފައިވާ ރިސޯޓު ނުވަތަ ރަށެއް ފިޔަވާ އެހެން ރަށްރަށަށް ދަތުރު ނުކުރެވޭނެއެވެ. ހަމައެއާއެކު ރާއްޖެ އަންނަ އެއްވެސް ފަތުރުވެރިއަކަށް މާލެއަށް ވެސް ނޭރޭނެއެވެ.
ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޒަރޫރީ ބޭނުމަށް ނުނީ އެއްވެސް ފްލައިޓެއް ބާއްވާފައެއް ނުވެއެވެ.