މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުއްޓާ އިއްޔެ ހަވީރު މަރުވި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ސޯލިހް މުތީއު އަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ އެ ޖަމާއަތުގެ އިސް ދައުރެއް އަދާކުރި މީހެއް ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސަސް ގުޅިގެން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުން އެނގޭ ގޮތުގައި ޔާސިރަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ އެ ޖަމާއަތުގެ އިސް ދައުރެއް އަދާކުރި އެ ޖަމާއަތުން ހިންގާ މަތީފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަލްގައިދާ ޖަމާއަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި ފުލުހުން ތަހުގީގު ކޮށްފައިވާ ދިވެހިންނާއި ޔާސިރު ގުޅުން ބަދަހިކޮށްފައިވާ ކަމަށެވެ. ޔާސިރަކީ އޭނާގެ އުފަން ގައުމުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކުގައި ހައްޔަރު ކުރެވި އެކި ފަހަރު މަތިން ބަންދު ކުރެވިފައިވާ މީހެއް ކަމަށް އެ ބަޔާނުގައި ބުނެއެވެ. އަދި އެކި ގައުމުތަކުގެ ސައްހަ ނޫން ޓްރެވެލް ޑޮކިއުމަންޓްގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކޮށްފައިވާ މީހެއް ކަމަށް ވެސް ވެއެވެ.
ޔާސިރު ރާއްޖެ އެތެރެވެފައި ވަނީ ޓޫރިސްޓް ވިސާގައި 2014 ވަނަ އަހަރު ކަމަށް ވާއިރު އޭނާ ވަނީ ހަމަ އެ އަހަރު ދިވެއްސަކާއި ކައިވެނި ކޮށްފައެވެ. އަދި ޓެރަރިޒަމާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މުއްދަތުގައި އޭނާގެ ހަރަކާތްތައް ފުލުހުން ވަނީ ބަލާ މޮނިޓާ ކޮށްފައެވެެ.
އިދާރާތަކުން ނެރުނު ބަޔާނުގައި ބުނީ ފުލުހުންނަށް ލިބިފައިވާ އިތުބާރު ހުރި އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ޔާސިރަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގަބޫލު ކުރެވޭތީ މާޗު 2، 2017 ދުވަހު އޭނާ ރާއްޖޭގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމުގެ ކުރިން ފެބްރުއަރީ 1، 2017 ދުވަހު އޭނާ އިމިގްރެޝަނަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި 1 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިއުމަށް އަންގާފައިވާ ކަމަށާއި އެ އެންގުމާ އެއްގޮތަށް އޭނާ އަމަލުކޮށްފައި ނުވާތީ އެގެ ފަހުންވެސް 3 ފަހަރެއްގެ މަތިން ރާއްޖެއިން ފުރައިގެން ދިއުމަށް އޭނާ އަށް އެންގި ކަމަށް އެ ބަޔާނުގައިވެއެވެ.
ތަކުރާރުކޮށް ރާއްޖެ ދޫކޮށް ފުރައިގެން ދިއުމާށް ދެވުނު މުއްދަތުގެ ތެރޭގައި ފުރައިގެން ގޮސްފައި ނުވާތީ މާޗް 2، 2017 ދުވަހު ރާއްޖޭގައި އުޅުމަށް ޔާސިރަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށްފައިވެއެވެ. އަދި އޭނާ ފުރުވާލެވެންދެން އިމިގްރޭޝަން ގާނޫނާއި ހިލާފުވެގެން ބިދޭސީން ބޭތިއްބި ޑިޓެންޝަން ސެންޓަރުގައު ބަންދުކުރިއެވެ. ޔާސިރު އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ބިދޭސީން ބޭތިއްބި ޑިޓެންޝަން ސެންޓަރުގައި ބެހެއްޓިފައި ވަނިކޮށް، ކެއުން ބުއިމަށް އިންކާރު ކުރުމުގެ ސަބަބުން ސިއްހީ ހާލަތު ދަށްވެގެން ކުރިން ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައިވެއެވެ.
ހަމައެއާއެކު ޔާސިރާ ގުޅޭ ތަފްސީލީ މައުލޫމާތު އެކި ފަހަރުމަތިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ހިއްސާކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އެ ބަޔާނުގައި ބުނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ޔާސިރު ބަންދުކޮށްފައިވާ މުއްދަތުގައި އޭނާއާމެދު އަމަލުކޮށްފައި ވާނީ ސަލާމަތީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު އޭނާގެ އިންސާނީ ހައްގުތަަކަށް ރިއާޔަތްކޮށް ކަމަށެވެ. އެގޮތުން އޭނާގެ ދިވެހި އާއިލާއާ ގުޅުން ބޭއްވުމަށާއި ކެއިން ބުއިމާއި ހުރުމުގައި ވެސް ހާއްސަ އުސޫލެއްގެ ދަށުން ލުއި ގޮތަކަށެވެ.
އޭނާ ޖަލުގައި ބަންދުކޮށްފައިވާ މުއްދަތުގައި އޭނާއާ ގުޅޭ މައުލޫމާތު ޔަމަނުގެ ސަރުކާރަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ފޯރުކޮށްދީފައި ވާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުްނ ބުނެއެވެ. އަދި ޔާސިރު ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވެލް ޑޮކިއުމަންޓް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަމަނުގެ ސަރުކާރުން ހޯދުމަށް އެކި ފަހަރު މަތިން ތަކުރާރުކޮށް ކުރެވުނު މަސައްކަތުގައި ޔާސިރުގެ ފަރާތުން އެއްބާރުލުން ލިބިފައި ނުވާ ކަމަށް ވެއެވެ.
އެހެންކަމުން "އިންވޮލެންޓަރިލީ" ޔާސިރު ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ހޯދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ޔަމަން ސަރުކާރުގައި އެދިފައި ވާނެ ކަމަށް އިދާރަތަކުން ނެރުނު ބަޔާނުގައިވެއެވެ. އެ ބަޔާނުގައި ބުނީ ޔާސިރު ރާއްޖެއިން ފުރުވާލުމަށް އެކި ފަހަރު މަތިން މަސައްކަތް ކުރެވުނު ނަމަވެސް އޭނާ ރާއްޖެއިން ފުރުވާލެވިފައި ނުވަނީ ފުރައިގެން ދިއުމަށް އިންކާރުކޮށް ފުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓް ހެއްދުމަށް އެއްބާރުލުން ދީފައި ނުވުމުގެ ސަބަބުން ކަމަށެވެެ.