ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ފުޅާ ދާއިރާއެއްގައި އާންމުންނަށް ވެކްސިން ދިނުމުގެ މަޝްރޫއެއް ފަށަން ހަމަޖެހިފައި ވާކަމަށް ރަޝިއާގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

ރަޝިއާގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19އަށް ވެކްސިން ދޭން ފަށަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު މީކާއިލް މުރާޝްކޯ ވަނީ ވިދާޅުވެފައެވެ. މި މަޝްރޫއުގެ ދަށުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ޑޮކްޓަރުންނާ ޓީޗަރުންނަށް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، މި މަޝްރޫއުގައި ބޭނުން ކުރާނީ ކޮން ވެކްސިނެއް ކަމާ ބެހޭ އެއްވެސް ތަފްސީލެއް، ސިއްހަތާ ބެހޭ ވަޒީރު ހާމަކުރައްވާފައެއް ނުވެއެވެ.

ކަމާބެހޭ މައުލޫމާތު އެނގޭ މަސްދަރަކުން ރޮއިޓާޒްއަށް ދީފައިވާ މައުލޫމާތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިއާގެ ދައުލަތުގެ ރިސާޗް ފެސިލިޓީއެއްގައި ތަރައްގީ ކުރަމުން އަންނަ ވެކްސިނަކަށް ދާހިލީ ފެންވަރުގައި ބޭނުމުގެ ރެގުއުލޭޓަރީ ހުއްދަ، މި އޯގަސްޓް މަހުގެ ތެރޭގައި ދެވޭނެއެވެ. އަދި އެއާއެކު މާ ލަސްތަކެއް ނުވެ، ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ޑޯޒް ދޭން ފަށާނެ ކަމަށްވެސް އެ މަސްދަރާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް އަދި ވަކި ވެކްސިނެއް ފާސްވެފައިކަމެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފައެއް ނުވެއެވެ.