ހައްޖުގެ އަޅުކަމާއި، އަޟްހާ އީދުގެ ގުޅިފައިވާ މަތިވެރި ހިކުމަތްތައް ހިތްމައްޗަށް ގެނެސް، އެކަކު އަނެކަކަށް މާފުކޮށް، އަހުވަންތަކަމުގެ ގުޅުން ކުރިއަށް ނެރުމާއެކު ސުލްހަޔާއި ހަމަޖެހުމަށް އިސްކަން ދޭން ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.
ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ މި އަހަރުގެ އަޟްހާ އީދުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތޯބުގައެވެ.
ރައީސްގެ ހިތޯބުގައި އަޟްހާ އީދަކީ، މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި، އެހީތެރިވުމާއި، އެއްބާރުލުމުގެ އިތުރުން، އެތައް ގުރުބާނީއެއްގެ ޒިކްރާ އާކޮށްދޭ މަތިވެރި މުނާސަބަތެއް ކަމަށާއި، މިއީ ގައުމެއްގެ ނިސްބަތުން ބަލާއިރު، މިއަދުގެ ހާލަތުގައި، ވަކިން ހާއްސަ ގޮތެއްގައި ސަމާލުކަން ދޭންވީ ކަމެއް ކަމުގައި އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ވެސް މިއީ މުޖްތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން އެންމެންނެގް ހަނދާނަށް ގެނެސްދޭ އީދެއް ކަމުގައި ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އީދުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވާފައެވެ. އަދި، މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ އެންމެހައި މުސްލިމުންނަށް މަބްރޫރު ހައްޖެއް މިންވަރުކުރެއްވުން އެދި ރައީސް ދުއާ ދެންނެވިއެވެ.
މިއަހަރުގެ އީދު ބައްދަލު ކުރީ، މިހާރު ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ސަބަބުން، މުޅި އިންސާނިއްޔަތު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހިފައި ވާ ދުވަސްވަރެއްގައި ކަން ފާހަގަ ކުރައްވައި އެކަމުގެ ސަބަބުން، މުސްލިމުންގެ އަޅުކަމަށްވެސް ބުރޫއަރައި، އިސްލާމީ އުންމަތްވެސް ތަހައްމަލް ކުރަމުން މިދަނީ، ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށް ފާހަގަ ކުރައްވާފައި ވެއެވެ.
ރައީސްގެ ހިތޯބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ސަބަބުން މިހާރު ތަޖުރިބާ ކުރަން ޖެހިފައި މިވާ، އިގުތިސޯދީ އަދި އިޖްތިމާއީ ދަތިކަމުން އަވަހަށް ސަލާމަތް ވެ، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިއުމަށްޓަކައި، ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން އެކުގައި މަސައްކަތް ކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ގޮވައިލައްވަމުންނެވެ.
ލަދު ކޮބާ! މަ ލަދުން ހަލާކު.