އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާސްކް ނާޅާ ބޭރުގައި އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ނިންމާފައި ވާ ކަމަށް އެޗްއިއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަކުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިރެއިން ފެށިގެން ބޭރުގައި އުޅޭއިރު މާސްކު އަޅަން މަޖުބޫރުވާނެ ކަމަށާ މާސްކު ނާޅާ އުޅޭ މީހުން ފުލުހުން ހުއްޓުވާނެ ކަމަށެވެ.

އަދި އަންނަ ހޮނިހިރުން ދުވަހުން ފެށިގެން މާސްކު ނާޅާ ބޭރުގައި އުޅޭ މީހުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިރެއިން ފެށިގެން ޕޮލިހުން ބައްލަވަމުން ގެންދަވާނެ އާންމު ތަންތަނުގައި މާސްކު އަޅައިގެންތޯ އުޅެނީ. އަދި ހޮނިހިރު ދުވަހުން ފެށިގެން މާސްކު ނާޅާ އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ، އެއްހާސް ރުފިޔާއިން ޖޫރިމަނާ ކުރެވިގެންދާނެ"
ޑރ. ނަޒުލާ

މާސްކް އެޅުން މަޖުބޫރު ކޮށްފައި ވާއިރު، ޒަރޫރީ ބޭނުމަށް ނޫނީ ރޭގަނޑު 11:00 ފެށިގެން ފަތިހު 5:00 ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ. މިރެއިން ފެށިގެން އެކަން ތަންފީޒު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށާ ހާއްސަ ކަމެއްނެތި މަގުމަތީގައި އުޅޭ މީހުންނަށް ފުލުުހުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާސްކް ނާޅާ ބޭރުގައި އުޅޭ ނަމަ ޖޫރި މަނާ ކުރުމަށް ނިންމާފައި ވާއިރު، މާސް އެޅުން މަޖުބޫރު ކޮށްފައި ވަނީ މިއަދު ބޭއްވި ނެޝަނަލް ޓާސްކް ފޯހުގެ ބައްދަލުވުމުގައެވެ. އެގޮތުން މިކަން އާންމުކޮށް ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ވަނީ އެހެން މީހުންނާއި ތިމާގެ ރައްކާތެރިކަމަށްޓަކައި މާސްކު އެޅުން މަޖުބޫރުކޮށް، ކޮންމެހެން ދާން ޖެހޭ ތަނަކަށް މެނުވީ ނުދިއުމާއި، ކޮންޓެކްޓްވާ މީހުންގެ އަދަދު މަދުކުރުމާއި އެކު ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.