ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުގައި މާސްކު އުޅުން މަޖުބޫރު ކޮށްފިއެވެ.
މިކަން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި ނެޝަނަލް ޓާސްކް ފޯހުގެ ބައްދަލުވުމުގައެވެ. އެގޮތުން މިކަން އާންމުކޮށް ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ވަނީ އެހެން މީހުންނާއި ތިމާގެ ރައްކާތެރިކަމަށްޓަކައި މާސްކު އެޅުން މަޖުބޫރުކޮށް، ކޮންމެހެން ދާން ޖެހޭ ތަނަކަށް މެނުވީ ނުދިއުމާއި، ކޮންޓެކްޓްވާ މީހުންގެ އަދަދު މަދުކުރުމާއި އެކު ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު އެ ޓްވީޓުގައި ވަނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ނޫން އެހެން މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ. ފާއިތުވި ދެ ހަފްތާތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖެ ލޮކްޑައުން ނުކުރަމަކީ އެންމެ ބޭނުންތެރި ގޮތް ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.
ރައީސް އޮފީހުން މިފަދައިން ޓްވީޓްކޮށްފައިވާއިރު، މާސްކު އެޅުން މަޖުބޫރު ކުރުމާމެދު ވިސްނަވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރަގްރާމްގަައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.
އަމީން ވިދާޅުވީ މާސްކް އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް މިވަގުތަށް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެގޮތުން މާސްކް އެޅުން މަޖުބޫރު ކުރަން މިހާރު ވިސްނަވާ ކަމަށާއި އެކަމުގެ މަޝްވަރާތައްވެސް ކުރައްވާ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. އަމީން ވިދާޅުވީ މާސްކް އެޅުން މަޖުބޫރު ނުކުރަންވީ ސަބަބެއް މިވަގުތަށް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އެގޮތުން މާސްކް އެޅުން މަޖުބޫރު ކުރަން މިހާރު ވިސްނަވާ ކަމަށާއި އެކަމުގެ މަޝްވަރާތައްވެސް ކުރައްވާ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
ގައިޑްލައިންތަކަށް ތަބާ ނުވެވިއްޖެ ކަމަށް ވާނަމަ މަޖުބޫރު ހާލަތަށް ގޮސްގެން ކުރަން ޖެހޭ ކަންތައް ތައް ހުންނާނެ ކަން ފާހަގަ ކުރައްވާ އަމީން ވަނީ ހުރިހާ އެންމެން ވެސް މާސްކު އެޅުމަށް އިލްތިމާސް ކުރައްވާފައެވެ. ރާއްޖެއިން ކޮވިޑަށް 3567 މީހުން ޕޮޒިޓިވް ވެފައި ވާއިރު އިއްޔެ 61 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 16 މީހަކު ވަނީ މަރުވެފައެވެ.