އާސަންދަ ސްކީމްގެ ދަށުން އިންޑިއާއަށް ބޭސްފަރުވާ ކުރަން ދިޔަ ދިވެހިންގެ ތެރެއިން އަމްރިތާ ހޮސްޕިޓަލުގައި ތިބި ދިވެހިންގެ ހާލު ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު އެމަނިކުފާނު ބައްލަވާލައްވާފައި ވަނީ، އެ ހޮސްޕިޓަލުގެ އިންޓަރނޭޝަނަލް ޕޭޝަންޓް ރިލޭޝަންސް ޑިރެކްޓަރު ބާބޫ މެނަންއާއި މިއަދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައި ވެސް، ދިވެހި ބަލި މީހުންނަށް ސިއްހީ ފަރުވާ ދިނުމަށް އިންޑިއާއަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ގައުމުގައި ސިއްހީ ފަރުވާ ހޯދުމުގެ މަގު ފަހިކޮށް ދިނުމުގައި އިންޑިއާ ސަރުކާރުން އަދާކުރައްވާފައިވާ ދައުރު ފާހަގަކުރެއްވިއެވެ. އަ އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލި މީހުންނަށް ދެމުންގެންދާ ހިދުމަތްތަކަށް އަލިއަޅުއްވައިލައްވާ ނައިބު ރައީސް ވަނީ، ކޮވިޑް-19 އާ ގުޅިގެން އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި މެދު ސުވާލު ކުރައްވާފައެވެ. މީގެ އިތުރުން، އެ ކަންކަން ހައްލުކޮށް ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް އެ ހޮސްޕިޓަލުން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.

މި ފޯނު ކޯލުގައި ނައިބު ރައީސް ވަނީ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލި މީހުންގެ ހާލު ވަކިވަކިން އައްސަވާފައެވެ. އަދި ވަކިން ހާއްސަކޮށް، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ބޭސް ފަރުވާއަށް އެ ހޮސްޕިޓަލަށް ދަތުރުކުރި ދިވެހިންނާ ގުޅޭ ކަންކަމުގެ މައުލޫމާތު އޮޅުން ފިލުއްވައި، އެ މީހުންގެ ކަންކަން ވަރަށް ގާތުން ބެލުމަށް ބާބޫ މެނަންގެ ކިބައިން އެމަނިކުފާނު އެދިވެޑައިގެންނެވިއެވެ.

މީގެ އިތުރުން ވެސް ފައިސަލް ވަނީ، ކުރިއަށް އޮތް ތަނުގައިވެސް، އަމްރީތާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހީން ސިއްހީ ފަރުވާ ހޯދުމުގައި ހިޔާރުކުރާނެ ހޮސްޕިޓަލެއްކަން ފާހަގަކުރައްވާ، އެ މީހުންނަށް ބޭނުންވާ ހިދުމަތްތަކާއި އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ތިބި ދިވެހިންގެ ހާލު ބައްލަވާލައްވަން ނައިބު ރައީށް ގުޅުއްވާފައިވާ އިރު ދާދި ފަހުން ވަނީ އަމރިތާ ހޮސްޕިޓަލަށް އާސަންދައިގެ ދަށޫން ފަރުވާ ހޯދަން ދިޔަ ދިވެހިޮންގެ ގިނަގުނަ ޝަކުވާތަކެއް އައިސްފައެވެ. ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި އިންޑިއާއަށް ދިޔަ ބަލިމީހުން އެ ހޮސްޕިޓަލުގައި ކަރަންޓީން ކޮށްފައި ތިބި އިރު އޭގެތެރެއިން 3 ޕޮޒިޓިވްކޭސް ފެނިފައި ވެއެވެ. އަދި ބަލި މިޙުން ކަރަންޓީޯންގައި ތިބޭ އިރު ހޮސްޕިޓަލުން އިތުރު ފަރުވާ ކުރިއަށް ނުގެންދާކަމުގެ އެތައް ޝަލުވާތަކެއް ވަނީ ލިބިފައެވެ.