ބ. ކަމަދޫން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ބުނީ ކަމަދޫން ޕޮޒިޓިވް ވި މީހާ ޕޮޒިޓިވް ވެފައި ވަނީ ކަރަންޓީންގެ 14 ދުވަސް ހަމަކުރުމަށްފަހު ހެދި ޓެސްޓުން ކަމަށެވެ.

ކަމަދޫން މީހަކު ޕޮޒިޓިވް ވެފައި ވާއިރު، މިދިޔަ އަންގާރަ ދުވަހު ވަނީ ހއ. ކެލާ އިން ވެސް މީަކު ޕޮޒިޓިވް ވެފައެވެ. އަދި 27 ވަނަ ދުވަހު ރ. އިނގުރައިދޫގައި ހޯމް ކަރަންޓީނު ވެގެން ތިބި ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާއިރު، ސީސައިޑް ފިނޮޅުގައި މަސައްކަތް ކުރަން އުޅުނު 4 މީހަކު ޕޮޒިޓިވް ވެފައެވެ.

ރާއްޖޭގެ ރަށްތަކުގައި ހޯމް ކަރަންޓީނު ވެގެން ތިބޭ ބައެއް މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ. ހަމައެއާއެކު ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ، ދުވަހަކަށް ވުރެ ދުވަހެއް ކޮވިޑަށް ޕޮޒިޓިވް ވާ ދިވެހިންގެ އަދަދު އިތުރު ވަމުން ދާއިރު އިއްޔެ އެކަނި ވެސް 61 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 44 ދިވެހިން ހިމެނެއެވެ.

ހާތަނަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 3567 އަށް އަރާފައި ވާއިރު 2554 މީހަކު ބަލިން ރަނގަޅުވެ، 15 މީހަކު ވަނީ ބަލީގައި މަރުވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދާ މީހުންގެ އަދަދުވެސް ވަނީ 983 އަށް އަރާފައެވެ.