އުތެމައަށް ނަސޭހަތްދީ ދޫކޮށްލުމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ފާޑު ވިދާޅުވެއްޖެއެވެ.
ޑރ، އިޔާޒު ކުރެއްވި ޓުވިޓެއްގައި ޑރ. ޒާހިރަށް ޓެގް ކުރައްވާ ވިދާޅުވީ ދީނަށް ފުރައްސާރަ ކުރި މީހުންނަށް ނަސޭހަތް ދީފައި ފުއްދާލާނަމަ އެހެނިހެން ބޮޑެތި ޖަރީމާތައް ހިންގާ މީހުންނަށް ވެސް ނަސޭހަތް ދީފައި "ފޮނުވާލަން ވީ" ކަމަށެވެ. އަދި ކެރިގެން ހިއްވަރާއެކު ﷲގެ ދީނަށް ނަސްރު ދެއްވަން ތެދުވެވަޑައިގަތުމަށް ޑރ. ޒާހިރަށް ވަނީ ގޮވާލައްވާފައެވެ.
ޑރ. އިޔާޒު އެހެން ވިދާޅުވެފައިވަނީ އުތެމަ ޖަމިއްޔާއިން ނެރުނު ރިޕޯޓްގެ މައްސަލާގައި އިސްލާމް ދީނަށް ފުށު އަރާ ބައެއް ވާހަކަތައް ހުރި ކަމަށް ފާހަގަ ކުރެވުމުން އެކަން އިސްލާހު ކުރަން އެ ޖަމިއްޔާއަށް ނަސޭހަތް ދީފައިވާ ކަމަށް ޑރ. ޒާހިރު ވިދާޅުވުމާ ގުޅިގެންނެވެ.
ޑރ. ޒާހިރު އެހެން ވިދާޅުވެފައިވަނީ ވީޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ. އެގޮތުން ޑރ. ޒާހިރު ވިދާޅުވީ އިސްލާމް ދީނަށް ފުށުއަރާ ފަދަ ވާހަކަތަކެއް ދައްކައިފިނަމަ އެމީހަކަށް ނަސޭހަތްދީ ކިޔައިދީ އެކުރިކަމެއް އިސްލާހު ކުރުމަށް އެންގުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ. އަދި އިސްލާމް ދީނަށް ފުށުއަރާ އެއްވެސް ކަމެއް ފެނިއްޖެނަމަ ވެސް ކަންތައް ކުރާނީ އެގޮތަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެގޮތުން އުތެމަ ޖަމިއްޔާއިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާގެ ފަރާތްތަކާ ބައްދަލުކުރައްވައި ނަސޭހަތް ދެއްވާފައިވާ ކަމަށާއި އެޖަމިއްޔާއިން އެކަން އިސްލާހުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓް ދިފާއުކޮށް އަދި އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައި ވާކަމަށް ބުނެ އުތެމަ ޖަމިއްޔާއިން ބަޔާނެއް ނެރެފައި ވާތީ، އެ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދިވެހިރާއްޖޭހެ އިލްމުވެރިންގެ ޖަމިއްޔާއިންވަނީ ގޮވާލާފައެވެ.
މީގެ ކުރިން އެމްޑީއެން އިން ވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރެފައެވެ. އެކަމާ ރާއްޖޭގެ އެތައް ބަޔަކު ވަނީ އަޑު އުފުލާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަހުން އެ ޖަމިއްޔާ ވަނީ އުވާލާފައެވެ.