ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރު ކުރި ދެމީހުން ކޯޓުން ދޫކޮށްލައިފިއެވެ.

ރޭ މުޒާހަރާގައި ވަނީ އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝާއި އިތުރު މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް މިއަދު އެމީހުންގެ މައްޗަށް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އެމީހުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ އެ ދެމީހުން ދޫކޮށްލަން ޖެހުނީ، އެމީހުންނަށް ކޮށްފައިވާ ދައުވާގެ ސަބަބުން ކަމަށެވެ. އެގޮތުން އެމީހުންނަށް ދައުވާ ކޮށްފައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ޖިނާއީ ދައުވާ ނުއުފުލޭނެތީ އެ ދެ މީހުން ދޫކޮށްލާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މާލޭގެ އެކިއެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ބޭނުން ކޮށްފައެވެ. ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކުރީ، މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށް ފަހު މަޖީޖީ މަގުން އިރަށް ދަނިކޮށް މުޒާހަރާގެ ބައިވެރިން ހުއްޓުވާ، ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައެވެ.

ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއިން ނަރީޝް ހައްޔަރު ކުރަން މަސައްކަތް ކުރީ ސޯސަން މަގާއި މަޖީދީ މަގު ގުޅުނު ކަންމަތިންނެވެ. އެ ހާދިސާގައި ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާ ދީފައި ވާކަމަށް ޕީއެންސީގެ މެންބަރަކު ވަނީ ބުނެފައެވެ.

ގިނަ އަދަދެއްގެ ބަޔަކާއެކު އިދިކޮޅުން މިރޭ ބޭއްވި މުޒާހަރާ ފެށީ މަޖީދީ މަގާއި، ޗާންދަނީ މަގު ގުޅުނު ހަތަރު އަނގޮޅި ކަންމަތިންނެވެ. މީޑިއާތަކަށް މުޒާހަރާ ކަވަރު ކުރުމަށް ފުރުސަތު ދީފައި އޮތް ރޭގެ މުޒާހަރާގައި ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ރޭގެ މުޒާހަރާގައި ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވަމުން ދިޔައީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށާއި، ޖުޑީޝަރީ މިނިވަން ކުރުމަށާއި، ރައީސް ޔާމީނު މިނިވަން ކުރުމާއި އިންޑިއާގެ ބީޖޭޕީގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށެވެ. އަދި އުތެމައާއި އެމްޑީއެންގެ މައްސަލައިގައިވެސް އަޑުއުފުލާފައިވެއެވެ.