ކުރީ ރައީސް އަބްދުﷲ ޔާމީނާ ސީދާކޮށް ގާތުން ބައްދަލުކުރެވޭނޭ އިންތިޒާމް ހަމަޖައްސައި ދިނުމަށް ރައީސް ޔާމީންގެ ވަކީލުން ގޮވާލުމާ ގުޅިގެން، އެކަމަށް ހުރަސް އަޅާފައި ނުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނެފިއެވެ.

ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވަކީލު ބައްދަލުވުމާ ގުޅޭގޮތުން އެ ސާވިސްއިން އިސްވެ ވަކީލުންނަށް މިމަހު 14 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ސިޓީގައި ބަންދަލުވުމަށް އެދުމުން ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިން ބައްދަލުވުން ހަމަޖައްސައި ދޭނެ ކަމަށް ސާފުކޮށް ބުނެފައިވާނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އެގޮތުން، ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން މާލޭ ޖަލަށް ހުށަހެޅި ފޯމާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ އިރުޝާދު މާލޭ ޖަލުން ވަކީލުންނަށް ދީފައިވާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ. ނަމަވެސް މާލޭ ޖަލުން ދީފައިވާ އިރުޝާދަށް އަމަލުނުކޮށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް މައުލޫމާތު ފެތުރުމަކީ އެކަމާ އެ ސާވިސް އިން ކަންބޮޑުވާ ކަމެއް ކަމަށް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަންސް އިން ވަނީ ވަކީލު ބައްދަލުވުމަށާއި އެހެނިހެން ބައްދަލުވުންތަކަށް އެދޭ ފޯމުތައް މިހާލަތުގައި އީމެއިލް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ކަރެކްޝަންސްއަށް ފޮނުވެނެ އިންތިޒާމް ހަމަޖައްސާފައެވެ. ކޮވިޑް-19ގެ ސަބަބުން ގާނޫނީ ވަކީލުންނާއި އެހެނިހެން ބައްދަލުވުންތަކަށް އީމެއިލް މެދުވެރިކޮށް އެދުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެކަން އިންތިޒާމް ކޮށްދެނެ ކަމަށް ކަރެކްޝަނުން ބުނެއެވެ. އެ ސާވިސް އިން ބުނީ މިކަމާ ބެހޭ މައުލޫމާތު ގައިދީންނާއި ވަކީލުންނަށް ދީފައިވާނެ ކަމަށެވެ.

ރައީސް ޔާމިންގެ ގާނޫނީ ވަކީލުންގެ ފަރާތުން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ކަމަށް ބަޔާންކޮށް މިއަހަރުގެ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނާ ބައްދަލުކޮށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގަށް ކަރެކްޝަނުން ހުރަސް އަޅާފައިވާ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. އަދި ރައީސް ޔާމީން އާގުޅޭ ބައެއް ޝަރީއަތްތައް ވެސް ފަށާފައިވާއިރު، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން އެފަދަ ޝަރީއަތްތަކުގައި ރައީސް ޔާމީންއަށް ލިއްބައިދޭ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގަށް ވެސް ކަރެކްޝަނުން ހުރަސް އަޅާފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.

ހަމައެހެންމެ މިމަހު އަށް ވަނަ ދުވަހު ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަގެ އަޑުއެހުމެއް ބޭއްވިއިރު ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލު ނުކުރެއްވޭ ކަމަށާއި، ވަކީލުންނާއި ސީދާކޮށް ބައްދަލުކޮށް މަޝްވަރާކުރައްވަން ބޭނުންފުޅުވާތީ އެ ފުރުސަތު ބޭނުންފުޅުވާކަމަށް އެ އަޑުއެހުމުގައި ރައީސް ޔާމީން ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ހައިކޯޓުގެ އެ ދުވަހުގެ އަޑުއެހުން ނިންމާފައިވަނީ ރައީސް ޔާމީން އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ސީދާކޮށް ބައްދަލު ކުރެވޭނޭ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ދައުލަތަށް އެންގެވުމާއެކު އެ މައްސަލައިގައި ރައީސް ޔާމީން އެ ފުރުސަތު ލިބުމަށްފަހު އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށް އިއުލާނު ކުރެއްވުމަށްފަހު ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަޑުއެހުން ނިމުނު ފަހުން ރައީސް ޔާމީންގެ ވަކީލުންނަށް ކަރެކްޝަނުން 14 ޖޫންގައި ފޮނުއްވި ސިޓީއެއްގައި މިމަހު އަށް ވަނަ ދުވަހު ހައިކޯޓުގައި ބޭއްވުނު ޝަރީއަތުގައި، މައްސަލަ ބެއްލެވި ގާޒީ ނިންމަވާފައިވާ ގޮތަށް، ރައީސް ޔާމީންގެ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ވަކީލު ބައްދަލުވުމަށް އެދޭ ފޯމު ކަރެކްޝަންގެ މާލޭ ޖަލަށް ހުށަހަޅަން ދިއުމުން ރައީސް ޔާމީން އާ ސީދާކޮށް ގާތުން ބައްދަލުކުރުމުގެ ފުރުސަތެއް ނުލިބޭނެ ކަމަށް އަންގައި ވަކީލު ބައްދަލުވުން ހަމަޖައްސައިދީފައި ނުވާކަން ވަނީ އެބަޔާނުގައި ފާހަގަކޮށްފައެވެ.

އީސް ޔާމީންގެ ވަކީލުން އެބަޔާނުގައި އިތުރަށް ވަނީ ކަރެކްޝަނުން އަމަލުކުރަން ފަށާފައިވާ، ސްޕެޝަލް ޕްރޮޓެކްޝަން ދޭން ޖެހޭކަމަށް ކަނޑައަޅާ ގައިދީންނާއި ބަންދު މީހުންނާމެދު އަމަލު ކުރަންވީ ގޮތުގެ އާއްމު އުސޫލަށް ބަލާއިރު ހަބަރު ފަތުރާ ވަސީލަތްތައް ލިބުމުގެ ފުރުސަތު އެފަދަ ފަރާތްތަކަށް ލިބެންޖެހޭކަން އެނގޭއިރު ރައީސް ޔާމީން އެ ފުރުސަތުން މަހުރޫމު ކުރައްވާފައިވާ ކަން ފާހަގަކުރައްވާފައެވެ. އެގޮތުން މީގެ ކުރިން ދައުލަތުގެ މީޑިއާގެ ޗެނަލްތައް ޓީވީ މެދުވެރިކޮށް ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވީ ނަމަވެސް މިހާރު އެ ވަސީލަތް ބޭނުންކުރުމުން ވެސް ރައީސް ޔާމީން މަހްރޫމްކޮށް، ހަބަރު ފަތުރާ އެއްވެސް ވަސީލަތެއް ލިއްބައިނުދީ އެކަމަށް ކަރެކްޝަނުން ހުރަސް އަޅަމުންދާ ދިއުން ހުއްޓާލުމަށް ވަނީ އިލްތިމާސް ކޮށްފައެވެ