އާސަންދައިގެ ދަށުން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދިޔަ ބަލިމީހުން ތިބީ ހޮސްޕިޓަލާއި އާސަންދައިން ދޭ މައުލޫމާތު ދިމާނުވާތީ ވާނުވާ ނޭނގިފައި ކަމަށް ކަމަށް ބުނެ އެފަރާތްތަކުން އެތައް ޝަކުވާތަކެއް ހިއްސާކޮށްފިއެވެ.
'ދަ ޕްރެސް' މައުލޫމާތު ދެމުން އިންޑިއާއަށް ބޭސްފަރުވާ ކުރަން ދިޔަ ދިވެހި އަންހެނަކު ބުނީ އޭނާއަށް ބޭސްފަރުވާ ކުރުމުގައި ދަތިތަކެއް ދިމާވި ކަމަށެވެ. އިންޑިއާއަށް ދިއުމަށް ފަހު 14 ދުވަހުގެ ކަރަންޓީނުގައި އިންނަން ޖެހުނަސް އެ މުއްދަތުގައި ފަރުވާ ކުރިއަށް ދާނެ ކަމަށް އާސަންދައިން ބުނެފައިވާއިރު ފަރުވާ ދިނުމުގައި އެ ހޮސްޕިޓަލުން ފަރުވާ ކުޑަވެފައި ވާ ކަަމަށް އޭނާ ބުންޏެވެ. ލިވާ ބަޔޮޕްސީ ހެދުމަށްފަހު ތިން ދުވަސްވީ އިރުވެސް ބޭސް ގަނޑު ބަދަލު ކުރަން ނުވަތަ ފާރުގަނޑު ހުރި ގޮތް ބަލަން ނަރުސް ކުއްޖަކުވެސް ނުވަތަ ޑޮކްޓަރަކުވެސް ނާންނަ ކަމަށް އޭނާ ބުނެއެވެ.
ބަޔޮޕްސީ ހެދުމަށްފަހު ދޭންޖެހޭ ޓްރީޓްމަންޓް ނުފެށި ލަސްވަމުން ދާތީ އެކަމާ ގުޅިގެން ޑޮކްޓަރާ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަ ދެއްކުމުން ބޭހެއް ނަގަން ބުނި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެ ބޭސް އޭނާއަށް ހޮސްޕިޓާލުގެ ފަރާތުން ފޯރުކޮށް ނުދިން ކަމަށާއި އެކަމަކީ އަމިއްލައަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށް އޭނާ ބުނެއެވެ. ކަރަންޓީންގައި ތިބެން ޖެހުމުން އެކޮމޮޑޭޝަން ބްލޮކް (އީ ބްލޮކް) އިން ބޭރަށް ނުދެވޭ ކަމަށާއި އެ އިމާރާތުގެ ލިފްޓަކަށް ވެސް ނޭރޭ ކަމަށް އޭނާ ބުނެއެވެ.
އިންޑިއާއަށް ދިޔަ ފަހުން އާސަންދައިން އެ ފަރާތަށް ގުޅާފައި ވަނީ އެއްފަހަރު ކަމަށް އޭނާ ބުނެއެވެ. އަދި އޭރު އޭނާ އޮތީ ބަޔޮޕްސީ ހަދާފައި ވޯޑުގައި އެޑްމިޓްކޮށްފައި ކަމަށާއި އާސަންދައިން އެދުނީ އެހީތެރިޔާ އީ ބްލޮކަށް ފޮނުވާލާ ވޯޑުގައި އެކަނި މަޑުކުރުމަށް ކަމަށެވެ. އަމިއްލަ ހާލަތު ހުރި ގޮތުން އެހީތެރިއަކަށް ހުރި އޭނާގެ މަންމަ ފޮނުވާލަން ބޭނުންނުވާ ކަމަށް އެފަރާތުން ބުނެއެވެ. ނަމަވެސް އާސަންދައިން ވާހަކަ ދެއްކީ އެގޮތަށް އެއްބަސްވާން މަޖުބޫރު ކުރުވާ ކަހަލަ ގޮތަކަށް ކަމަށާއި ވާހަކަ ދެއްކީ ވަރަށް ހަރުކަށިކޮށް ކަމަށް އޭނާ ބުނެއެވެ.
އާސަންދައިގެ ފަރާތުން އިންޑިއާއަށް ދިޔަ ބަލި މީހުންގެ ތެރޭގައި 64 އަހަރުގެ ފިރިހެނަކާއި 76 އަހަރުގެ ފިރިހެނަކު ހިމެނެއެވެ. އޭގެތެރެއިން 64 އަހަރުގެ މީހާ އަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަން ދިޔަ މީހެކެވެ. އެހީތެރިއެއްގެ ގޮތުގައި ހުރި އޭނާ ދަރިފުޅު މައުލޫމާތު ދެމުން ބުނީ ސީޓީ ސްކޭނަކާއި އެމްއާރްއައި ޓެސްޓެއް ހެދުމުގެ އިތުރުން އިތުރު އެއްވެސް ފަރުވާ އެއް ނުދޭ ކަމަށެވެ. އަދި ވޯޑުގައި ބާއްވާފައި އޮތް ބަލި މީހާ ބާއްވާފައި އެހީތެރިޔާ އީ ބްލޮކަށް ދިއުމަށް އެދުނު ކަމަށެވެ. ނަމަވެސް ބައްޕައަކީ އެއްވެސް ވަރަކަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ މީހަކަށް ނުވާތީއާއި އަމިއްލައަށް އެތައްކަމެއް ނުކުރެވޭނެ ހާލަތެއް އޮތް ފަރާތަކަށް ވުމުން ބައްޕަ ދޫކޮށްފައި އެހީތެރިޔާ އީ ބްލޮކަށް ދިއުމަށް އިންކާރު ކުރިކަމަށް އޭނާ ބުނެއެވެ.
ހަމައެއާއެކު 76 އަހަރުގެ ބަލި މީހާގެ އެހީތެރިއަކަށް ދިޔަ އޭނާގެ ދަރިފުޅުވެސް މައުލޫމާތު ދެމުން ބުނީ ވޯޑުގައި ފަރުވާ ދެމުންދިޔަ މީހުން އެތަނުގައި ބައިތިއްބާފައި އެހީތެރިޔާ އީ ބްލޮކަށް ބަދަލު ކުރަން އެދުނު ކަމަށެވެ. ނަމަވެސް އެފަރާތުންވެސް އިންކާރު ކުރީ ބައްޕައަށް ލިޔަން ކިޔަން އަދި އިނގިރޭސި ބަހުން ބުނާ އެއްޗެއް ދެނެގަނެ ވާހަކަ ދައްކަން ނޭނގޭނެތީ އެހީތެރިއަކު ބައްޕަ ގާތު ހުންނަން ބޭނުންވާނެ ކަމަށް ވާތީއެވެ. އަދި ބަލި މީހާއަކީ ހިތުގެ މައްސަލައާއި ލޭ މައްޗަށް ދިއުމުގެ މައްސަލަތައް ވެސް ހުންނަ ފަރާތެއް ކަމަށް އޭނާ ބުނެއެވެ.
ބަލި މީހުންގެ ތެރޭގައި ހަތަރު ވަރަކަށް ކުޑަކުދިން ވެސް އިންޑިއާއަށް ބޭސްފަރުވާއަށް ދިޔައެވެ. އޭގެތެރޭގައި ގޮހޮރު ބޭރުގައި އޮތް ކުޑަކުއްޖަކާއި މައިބަނދައިގައި ޓިއުމަރެއް ހުރި ކުއްޖަކުވެސް ހިމެނެއެވެ. މައިބަނދައިގައި ޓިއުމަރު ހުރި ކުއްޖާގެ ބައްޕަ މައުލޫމާތު ދެމުން ބުނީ އެ ކުއްޖާގެ ޓިއުމަރު އަނެއްކާވެސް އުފެދުމުން އޮޕަރޭޝަން ކުރަން ދިޔަ ނަމަވެސް ފަރުވާ ލަސްވެފައި ވުމުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ދާ ކަމަށެވެ. ޓިއުމަރުގެ ސަބަބުން އެ ކުއްޖާއަށް ބޮޑުކަމު ނުދެވޭ ކަމަށާއި ބޮޑުކަމު ނުދެވޭތާ ދެތިން ދުވަސް ވުމުން ބޮޑު ބުންބާ ކުރަން ހޮސްޕިޓަލުގައި އެދިގެން އެކަން ކުރަން ޖެހޭ ކަމަށް އޭނާ ބުނެއެވެ.
އެ ހުރިހާ ފަރާތަކުން ވެސް ބުނަނީ ކިތަންމެ ދިގު މުއްދަތެއްގައި ކަރަންޓީންގައި ތިބެން ޖެހުނަސް އެކަމާ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ. ނަމަވެސް ބޭސް ފަރުވާގެ ކަންކަން މަޑުޖެހިފައި އޮތުމުން ބަލި މީހާގެ ހަށިގަނޑުގައި އަޅާނެ ވޭނާއި އުނދަގޫ އެނގޭނީ އެ ބައްޔެއް ޖެހިގެން އެވޭން ތަހައްމަލު ކުރާ މިީހަކަށް އެކަނި ކަމަށެވެ. އަދި ދެން ފަރުވާ ފެށޭނީ ކޮވިޑް ޓެސްޓު ކުރުމަށްފަހު ނަތީޖާ ލިބުމުން ކަމަށް ހޮސްޕިޓަލާ ހަވާލާ ދީ އިންޑިއާގައި ތިބި ފަރާތުން ބުނާ ބުނުމަކީވެސް އެމީހުންގެ ކަންބޮޑުވުމެކެވެ.
އެހީތެރިންނާ އެކު ބަލި މީހުންވެސް މިހާރު އީ ބްލޮކްގައި ތިބޭ އިރު އެތަނަށް ނަރުހެއް ނުވަތަ ޑޮކްޓަރެއް ނާންނަކަމަށް އެފަރާތުން ބުނެއެވެ. ބަލި މީހުންގެ ހާލަތު ބަލާ ހަދާ މީހަކު އެތާ ނެތްކަމަށް ބުނެއެވެ. ކަމެއް ބޭނުންވިޔަސް ހޮސްޕިޓަލުގެ އިންޓަނޭޝަނަލް ކައުންޓަރަށް ނުވަތަ އާސަންދައަށް ގުޅައިގެން އެމީހުން އެތައް ޝަކުވާއެއް ކޮށް އާދޭސް ކުރަންޖެހޭ ކަމަށް އެފަރާތުން ބުނެއެވެ.
އާސަންދައިގެ ފަރާތުން މި މަހުގެ 14 ވަނަ ދުވަހު އިންޑިއާއަށް ދިޔަ ދިވެހިންގެ ތެރެއިން 49 ފަރާތެއް ވަނީ އަމްރިތާ ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސްފައެވެ. އެ ފަރާތްތައް އެ ހޮސްޕިޓަލުގައި ކަރަންޓިންގައި މަޑުކޮށްގެން ތިއްބާ ކޮވިޑަށް ޓެސްޓު ހެދި މީހުންގެ ތެރެއިން ތިން ދިވެއްސެއް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މި ދަތުރުގައި އަމްރިތާއަށް ދިޔަ ބަލި މީހުންގެ ތެރެއިން 3 މީހަކު ވަނީ މަރުވެސް ވެފައެވެ.
ފިލާވަޅެއް ލިބިގަންނަމާ ހިނގާށެވެ. ސިއްހީފަރުވާގެ ނިޒާމު ރާއްޖޭގައި ވަރަށްބޮޑުތަނުން ވަނީ ރަންގަޅުކުރަންޖެހިފައެވެ. ހާއްސަކޮއް ރާއްޖެތެރޭގެ ރައްރަށުގައެވެ. އަބަދަކު އަވައްޓެރި ޤައުމުތަކަށް ނޫނީ މާލެއަށް ބަރޯސާވެތިބެގެން ފަރުޖެއްސޭކަށް ނޯންނާނެއެވެ.