ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ލޮކްޑައުންނާއެކު އިހުނަށްވުރެ ބޮޑަށް ޓީވީ ޝޯތަކާ ބެލުންތެރިންނާ ދެމެދު އޮތް ގުޅުން ބަދަހިވެއްޖޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ޓީވީ ޝޯތަކަށް ހާއްސަކޮށްގެންދޭ އެންމެ ޝަރަފުވެރި އެވޯޑްގެ ގޮތުގައި ސިފަކުރަމުން އަންނަ ޕްރައިމްޓައިމް އެމީ އެވޯޑްސްގެ 72 ވަނަ އެޑިޝަންގެ ނޮމިނޭޝަން ލިސްޓު، ރޭ އިއުލާންކޮށްފައިވާއިރު، މި ފަހަރުގެ ލިސްޓުގައި ތިބާގެ އެންމެ މަގުބޫލު ޝޯ އެބައޮތް ހެއްޔެވެ؟

މިފަހަރަކީ ހަމަ ޔަގީނުންވެސް "ގޭމް އޮފް ތްރޯންސް" އާ "ވީޕް"، މަންޒަރުން ފޮހެލެވިފައިވާ ފަހަރެކެވެ.

ނޮމިނޭޝަން ލިސްޓަށް އަވަސްކަޅިއެއް އެއްލާއިރު، 160 ނޮމިނޭޝަންއާއެކު އެންމެ ނުފޫޒު ގަދަ ކަމަށް ދައްކަނީ ދިވެހިންގެ މެދުގައިވެސް ވީޑިއޯ ސްޓްރީމް ކުރުމަށް އެފަދަ ދެވަނައެއް ނެތް 'ނެޓްފްލިކްސް' ކަން ފާހަގަކުރަންޖެހެއެވެ. ނަމަވެސް ޑިޒްނީ ޕްލަސް އާ އެޕަލް ޓީވީ ޕްލަސްގެ ނުފޫޒުވެސް ވަކި ކުޑައެކޭ ނުދެންނެވޭނެއެވެ.

ވާޗުއަލް ޕްލެޓްފޯމުގައި އިއުލާން ކުރެވިގެންދިޔަ ނޮމިނޭޝަންތަކަށް ބަލާއިރު، "އައުޓްސްޓޭންޑިންގް ރިއާލިޓީ/ކޮމްޕެޓިޝަން ސީރީޒް" ތަކުގެ ގިންތިން، "ދަ މާސްކްޑް ސިނގާ"، "ނެއިލްޑް އިޓް"، "ޓޮޕް ޝެފް" އަދި "ދަ ވޮއިސް" ނޮމިނޭޓްވެފައިވެއެވެ. "އައުޓްސްޓޭންޑިންގް ޑްރާމާ ސީރީޒް" ކެޓަގަރީއަށް ބަލާއިރު، " ބެޓާ ކޯލް ސޯލް"، "ދަ ކްރައުން" އަދި "ސްޓްރޭންޖާ ދިންގްސް" ފަދަ ސީރީޒްތައް ވަނީ ނޮމިނޭޓްވެފައެވެ.

މި އަހަރުގެ އެމީ އެވޯޑްސް ހަފުތާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހަށެވެ. ޖިމީ ކިމެލް ހޮސްޓްކުރާ މިޝޯ އޮންނާނީ ކިހިނެއް ކަމުގެ މާ ބޮޑު ތަފްސީލެއް އަދި ނުލިބެއެވެ.