މިއަދު ކުރިއަށް ގެންދާ އިންސްޕެކްޝަންގައި ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރާން ނިންމައިފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ކުރިޔަށްގެން ދާ އިންސްޕެކްޝަން ގައި އުސޫލުތަކާ ހިލާފަށް ހުންނަ ތަންތަން ވަގުތުން ބަންދު ކުރާނެ ކަމަށާއި އެ އިންޕެކްޝަންގައި ކެފޭ އާއި ރެސްޓޯރަންޓާއި ސައި ހޮޓާތަކާއި ސެލޫން އަދި ފިހާރަތައް ވެސް ބަލާނެ ކަމަށެވެ.

އެޗްޕީއޭން ހަދާފައިވާ ގައިވައިދަށް އަމަލު ކުރޭތޯ ބެލުމަށް ހިދުމަތްދޭ އެހެން ބައެއް ތަންތަނަށްވެސް އެ ޓީމުތައް ވަންނާނެ ކަމަށް އެޗްޕީއޭން ބުނެއެވެ.

މި މަހުގެ 12 ވަނަ ދުވަހުވެސް އެޗްޕީއޭން ވަނީ އާންމުންނަށް ހިދުމަތް ދެނީ އެޗުޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ތޯ ބެލުމަށް ދެ މީހަކު ހިމެނޭ ގޮތަށް، އެ އިދާރާގެ 20 ޓީމަކުން މާލެ އާއި ހުޅުމާލޭގައި ހަރަކާތްތެރިވެފައެވެ.

އެ ސާވޭއަށްފަހު އެޗްޕީއޭން ބުނެފައި ވަނީ ގިނަ ތަންތަނުގެ މިންގަނޑުތައް ހުރީ ހިތްހަމަޖެހޭ ގޮތަށް ނޫން ކަމަށެވެ.

އެގޮތުން ކަސްޓަމަރުންގެ އަތް ސެނިޓައިޒް ކޮށްދޭނެ ހާއްސަ މުވައްޒަފެއް ގިނަ ފިހާރަތަކުގައެއް ނެތުމާއިސެނިޓައިޒް ފުޅި އެކަނި ބެހެއްޓިޔަސް އޭގެ ބޭނުމެއް ނުހިފޭ ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.

ކޮވިޑް-19 ގެ މީހުން ރާއްޖެ އިން ފެންނަ މިންވަރަށް ބަލައި، ދިން ލުޔާ އެކު، އާންމު ޚިދުމަތްތަކަށް ތަންތަން ހުޅުވާލިއިރު، އެއްފަހަރާ ފިހާރަތަކަށް ކަސްޓަމަރުން ވައްދަން ޖެހެނީ ވަކި އަދަދަކަށެވެ. ހިދުމަތް ދޭ އެހެނިހެން ތަންތަނުގައި ވެސް ބޮނޑިވެގެން ތިބެގެން ޚިދުމަތް ހޯދުމުގެ ފުރުސަތު ހަނިކުރުމަށް އެޗުޕީއޭގެ ގައިޑްލައިންގައި ވަނީ އުސޫލުތަކެއް ކަނޑައަޅައިފައެވެ. މީގެ އިތުރުން މާސްކް އަޅައިގެން ތިބުމާއި އަތް ސެނިޓައިޒް ކުރެވޭނެ ގޮތް ހަމަޖައްސަން ވެސް ޖެހެއެވެ.