މިރޭ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދަށް އަނިޔާވެގެން އެޑްމިޓް ކޮށްފިއެވެ. އޭނާއަށް އަނިޔާވީ މިރޭގެ މުޒާހަރާގައި ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުންނެވެ.

ޕީއެންސީގެ މެންބަރަކު ބުނީ، ސައީދުގެ ފަރުވާ މިިވަގުތު ކުރިއަށް ދާތީ އަދި ކޮންޑިޝަން މުޅިން ސާފުނުވާ ކަމަށެވެ.

މުޒާހަރާގައި ފުލުހުން ޕޭޕާ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ސައީދުގެ އިތުރުން މުޒާހަރާގެ އިތުރު ބައިވެރިންނަށްވެސް އަސަރުކޮށް ލޯ ކެރުން ފަދަ ކަންކަން ހިނގާފައި ވާކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

ރެއެކޭ އެއްގޮތަށް މިރޭވެސް އިދިކޮޅު ކޯލިޝަނުން ވަނީ އިހުތިޖާޖު ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިރޭގެ މުޒާހަރާ 8:30 ގައި ފަށާފައި ވާއިރު މުޒާހަރާގެ ބައިވެރިން ފުރަތަމަ އެއްވީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ކަންމައްޗަށެވެ. މިރޭގެ މުޒާހަރާ ފުލުހުން ރޫލާލާފައި ވަނީ ޕެޕާސްޕްރޭ ބޭނުންކުރުމަށް ފަހުއެވެ. އެގޮތުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައި ވަނީ ސޯސަން މަގާ ހަމައަށް މުޒާހަރާގެ ބައިވެރިން ގޮސް ތިއްބައެވެ.

މިރޭގެ މުޒާހަރާގެ ތެރެއިންވެސް ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ހިމެނެއެވެ. އޭނާއަކީ ޗެނަލް 13 އިން ގެނެސްދޭ ބައެއް ޕްރަގްރާމްތައްވެސް ހުށައަޅަމުން ދާ މީހެކެވެ. މިރޭގެ މުޒާހަރާ ފުރަތަމަ ފެށުނުއިރު މުޒާހަރާ ލީޑް ކުރަމުން ދިޔައީވެސް ނަރީޝްއެވެ.

މިރޭގެ މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މިނިވަން ދުވަހުގެ ރޭ ކުރި މުޒާހަރާއާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވާން އެންގި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލްއާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްވެސް މިރޭ މުޒާހަރާގެ ކުރީ ސަފުން ފެނުނެވެ.