ސަރުކާރާ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މާލޭގެ އެކިއެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކޮށްފިއެވެ. ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކުރީ، މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށް ފަހު މަޖީޖީ މަގުން އިރަށް ދަނިކޮށް މުޒާހަރާގެ ބައިވެރިން ހުއްޓުވާ، ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައެވެ.
ޕެޕާ ސްޕްރޭގެ އަސަރު މުޒާހަރާގެ ބައިވެރިންނަށް ކުރި ނަމަވެސް، އެމީހުން ވަނީ ނުހުއްޓި ކުރިއަށް ހިނގާފައެވެ.
ގިނަ އަދަދެއްގެ ބަޔަކާއެކު އިދިކޮޅުން މިރޭ ބޭއްވި މުޒާހަރާ ފެށީ މަޖީދީ މަގާއި، ޗާންދަނީ މަގު ގުޅުނު ހަތަރު އަނގޮޅި ކަންމަތިންނެވެ. މީޑިއާތަކަށް މުޒާހަރާ ކަވަރު ކުރުމަށް ފުރުސަތު ދީފައި އޮތް މިރޭގެ މުޒާހަރާގައި ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
މިރޭގެ މުޒާހަރާގައި ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވަމުން ދިޔައީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށާއި، ޖުޑީޝަރީ މިނިވަން ކުރުމަށާއި، ރައީސް ޔާމީނު މިނިވަން ކުރުމާއި އިންޑިއާގެ ބީޖޭޕީގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށެވެ. އަދި އުތެމައާއި އެމްޑީއެންގެ މައްސަލައިގައިވެސް އަޑުއުފުލާފައިވެއެވެ.
މިރޭ މުޒާހަރާގެ ބައިވެރިން ޗާންދަނީ މަގަށް ފުލުހުން ފަހާލުމުން ރަށުތެރެއަށް ވަދެ އަޑުގަދަ ކުރަމުން އެކިއެކި ގޯޅިތަކުގައި ވަނީ ހިނގާފައެވެ. އަދި އެކިއެކި މަގުންގޮސް މަޖީދީމަގަށް ނުކުންނަށް އެތައް ފަހަރަކު މުޒާހަރާގެ ބައިވެރިން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން ހުރަސް އެޅުމުގެ ސަބަބުން ނުކުމެވޭ ގޮތް ނުވުމުން އަނެއްކާވެސް ރަށުތެރެއަށް ވަދެ ވަނީ އަޑުގަޑަ ކުރަމުން ގޮސްފައެވެ.
އަދި އަލިކިލެގެފާނު މަގުން ގޮސް މަޖީދީ މަގަށް ނުކުމެވޭ ސަރަހައްދުން ފުލުހުން ބަންދުކޮށްފައި ވަނިކޮށް، ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށް ފަހު މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީ މަގަށް ނުކުމެފައެވެ.
ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއިން ނަރީޝް ހައްޔަރު ކުރަން މަސައްކަތް ކުރީ ސޯސަން މަގާއި މަޖީދީ މަގު ގުޅުނު ކަންމަތިންނެވެ. އެ ހާދިސާގައި ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސައީދު އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާ ދީފައި ވާކަމަށް ޕީއެންސީގެ މެންބަރަކު ވަނީ ބުނެފައެވެ.
އިދިކޮޅުން ބޭއްވި ފުރަތަމަ އިހުތިޖާޖު އޮތީ ޖުލައި 26. 2020 ގައެވެ.