ކޮވިޑްގެ ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަ ވާ ކަމަށް ވިދާޅުވެ ހެލްތު މިނިސްޓަރު އިންޒާރު ކުރައްވައިފިއެވެ.
ހެލްތު މިނިސްޓަރު އަމީންގެ އިންޒާރަކީ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓް ވާ މީހުންގެ އަދަދު ގިނަވަމުން ދާތީ އެކަމާ ގުޅިގެން ދެއްވި އިންޒާރެކެވެ.
ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދެމުން ދިޔަ ނަމަވެސް މިހާރު ނުރައްކަލުގެ ރަނގަބީލުގެ އަޑު އެބަ ގަދަވާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އަމީން ވިދާޅުވީ، އާއްމު ހާލަތަށް އެދޭނަމަ މާސްކު އަޅައިގެން އުޅުމަށާއި އެކަކު އަނެކެއްގެ ދުރުމިން ކަށަވަރު ކުރުމަށެވެ. ހަމައެއާއެކު އެކަކު އަނެއްކަކާ ބައްދަލުވާ އަދަދު މަދު ކުރުމަށާއި ކޮންމެހެން ނުކުންނަން ޖެހޭ ހާލަތުގައި މެނުވީ ގެއިން ނުނިކުތުމަށް އަމީން ވިދާޅުވިއެވެ.
ކޮވިޑް19 އިން ރައްކާތެރި ވުމަށް އަލާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ލޮކްޑައުންނަށް ލުއިދީ މިހާރު ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާލައި ފިހާރަތަކާއި ރެސްޓޯރަންޓް ކެފޭތައްވެސް ވަނީ ހުޅުވާލާފައެވެ. ހަމައެއާއެކު މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ. މިހާލަތަށް ބަދަލު ކުރި ފަހުން މާލޭގެ މަގުތަކުގައި ނުކުމެ އުޅޭ މީހުންގެ އަދަދު ވަނީ އިތުރު ވެފައެވެ. އަދި ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި ފެނިފައިވާ ޕޮޒިޓިވް ކޭސްތައް ވެސް ވަނީ އިތުރު ވެފައެވެ.
ޖޫން 15 ގައި ލޮކްޑައުން އުވާލި އިރު ރާއްޖޭގައި ޕޮޒިޓިވް ވަމުން ދިޔައީ ސާމްޕަލް ނަގާ ޓެސްޓު ކުރި މީހުންގެ ތެރެއިން 2.08 ޕަސަންޓު މީހުންނެވެ. ނަމަވެސް މި ރޭޓު ދުވަހެއް ދުވަހަކަށް އިތުރު ވަމުން ގޮސް މިހާރު ވަނީ 5.68 ޕަސަންޓަށް އަރާފައެވެ.
އެގޮތުން މިއަދު 137 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އޭގެތެރޭގައި 92 ދިވެހިން ހިމެނެއެވެ.