އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާ މިރޭވެސް ކުރިއަށް އެބަ ގެންދެއެވެ. މިރޭގެ މުޒާހަރާ 8:30 ގައި ފަށާފައި ވާއިރު މުޒާހަރާގެ ބައިވެރިން ފުރަތަމަ އެއްވީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ކަންމައްޗަށެވެ.
އެތާނގައި އަޑުގަދަކޮށް ސަރުކާރުގެ އިސްތިއުފާއަށް ގޮވާފައި ވާއިރު ފުލުހުން ވަނީ މުޒާހަރާ ރޫޅާލައި، އަޑުގަދަކުރާ (މެގަފޯން) ގެންގުޅުނު މީހަކު ހައްޔަރު ކޮށްފައެވެ.
ފުލުހުން މުޒާހަރާގެ ބައިވެރިން ފަހާލުމުން، ޗާންދަނީ މަގުން ގޮސް އެތެރޭގެ ގޯޅިތަކަށް އަނެއްކާވެސް މަޖީދީ މަގަށް ނުކުމެ، މަޖީދީ މަގާއި މާވެޔޮމަގު ގުޅުނު ކަންމަތީގައި ވަނީ އިށީނދެފައެވެ. އަދި އެތާތިބެވެސް ސަރުކާރުގެ އިސްތިއުފާއަށް ގޮވާ ހަދާފައިވެއެވެ.
މުޒާހަރާގެ ބައިވެރިން މިހާރު ވަނީ މާވެޔޮ މަގުން ދެކުނަށް މިސްރާބު ޖަހާފައެވެ. ރައީސް ޔާމީނު މިނިވަން ކުރުމަށާއި، ޖޭއެސްސީ މިނިވަން ކުރުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ.
އިދިކޮޅަށް ސަޕޯޓު ކުރާ ގިނަ ބަޔަކާއެކު މުޒާހަރާގެ ބައިވެރިން މަޖީދީ މަގު ބިއްލޫރިޖެހި ގެއާ ދިމާއަށް ނުކުންނަން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެމީހުންނަށް ނުކުމެވޭނެހެން މަގު ބަންދުކޮށްފައެވެ. މި މުޒާހަރާގައި ޕީއެންސީ އަދި ޕީޕީއެމްގެ ލީޑާޝިޕް އެންމެ އިސް ފަރާތްތައްވެސް ގެންދަވަނީ ބައިވެރިވަމުންނެވެ.