ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި އެއްވުންތައް ބާއްވާއިރު ގައިދުރުކަން ދެމެހެއްޓުމަށާއި މާސްކް އެޅުމަށް ސަމާލުކަން ދިނުމަށް ފުލުހުން ގޮވާލައިފިއެވެ.

ފުލުހުން މިހެން ގޮވާލާފައި ވަނީ މިރޭ ވެސް އިދިކޮޅު ކޯލިޝަންގެ ފަރާތުން ޗާނދަނީ މަގުގައި މުޒާހަރާއެއް ކުރިއަށް ގެންދަން އިއުލާން ކޮށްފައި ވަނިކޮށެވެ.

ފުލުހުން ބުނީ، ކޮވިޑް19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތަށް ރައްކާތެރި ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުމުގައި މާލެ ސަރަހައްދުގައި އެއްތަނަކަށް ގިނަ މީހުން އެއްވެ އުޅުން އަންނަ އޯގަސްޓް މަހުގެ 7 ވަނަ ދުވަހާ ހަމައަށް ހުއްޓާލުމަށް އަންގާފައި ވީ ނަމަވެސް އިޖްތިމާއީ ގައިދުރުކަމަށް ބެލުމެއް ނެތި މާސްކް ނާޅާ ބައެއް ފަރާތްތަކުން އެއްވުންތައް ކުރިއަށް ގެންދާ ކަމަށެވެ.

މިވަގުތަކީ ކޮވިޑަށް އިތުރު މީހުން ޕޮޒިޓިވްވާ ދުވަސްވެރަކަށް ވެފައި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ފުލުހުންވެސް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރު ވަމުންދާ ދުވަސްވަރެއް ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން މަގުމައްޗަށް ނުކުމެ އުޅުމުގައި ސިއްހީގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ހަމައެއާއެކު އެއްވުންތައް ކަވާ ކުރާ މީޑިއާތަކުންވެސް ގައިދުރުކަން ގާއިމް ކުރުމަށާއި މާސްކް އަޅާއިގެން ހުރިހާ ވަގުތެއްގައި ހުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.؛ އަދި އެއްވުންތަކުގައި ހުރިހާ ވަގުތެއްގައިވެސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ ފާސް ފެންނަން ހުންނާނެ ގޮތަށް އަޅައިގެން ހުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއެވެ.

މީގެ އިތުރުން މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އަދި ހާއްސަކޮށް އެއްވުންތަކުގައި ބައިވެރިވާ މީހުންނާއި އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނާއި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ ރައްކާތެރިކަމަށް ބެލުމަށާއި އެޗްޕީއޭއިން އަންގާފައިވާ ފަދައިން މާސްކް އެޅުމަށާއި ގައިދުރުކަން ދެމެހެއްޓުމަށް ފުލުހުން ބުނެއެވެ.

ރޭގެ ވަގުތެއްގައި ވެސް ޗާންދަނީމަގުގައި އިދިކޮޅު ކޯލިޝަނުން ވަނީ އިހުތިޖާޖެއް ހިންގާފައެވެ. އެ އެއްވުމުގެ ބައިވެރިން ވަނީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށާއި ރާއްޖޭގައި އިތުރު ގައުމެއްގެ މީހުންނަށް ޖާގަ ނުދިނުމަށާއި ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހު، މިނިވަންކަމުގެ އިހުސާސް ކުރެވިގެން ނުދާ ކަމަށް ބުނެފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުން އަންނަ އިރު އިއްޔެ ކޮވިޑަށް ޕޮޒިޓީވްވި މީހުންގެ އަދަދު ވަނީ 67 އަށް އަރާފައެވެ. އެ ގޮތުން އެ 67 މީހުންގެ ތެރޭގައި 43 ދިވެހިން ހިމެނޭ އިރު، ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާގެ 6 މީހަކާއި އިންޑޮނޭޝިއާގެ 3 މީހެއްގެ އިތުރުން ދެން ހިމެނެނީ އެމެރިކާ މީހެކެވެ. އެހެންކަމުން މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 3369 އަށް އަރާފައެވެ.