މުޅި ދުނިޔެ އިނދަޖައްސާލި ނުރައްކާތެރި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ހާއްސަކޮށްގެން ފިލްމެއް ހެދުމަށް، އިތުރު 4 ޑައިރެކްޓަރުންނާއެކު ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަނޫބާވް ސިންހާ، އަތުގުޅާލައިފިއެވެ.

"އާޓިކަލް 15" ފަދަ ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ އަނޫބާވް ސިންހާ، ކޮވިޑް-19އަށް ފިލްމު ހަދަނީ، ހެންސަލް މެހްތާ، ސުދީރު މިޝްރާ، ކީތާން މެހްތާ އަދި ސުބާޝް ކަޕޫރާއެކުގައެވެ.

4 ޑައިރެކްޓަރުންނާއެކު މި ފިލްމު ޕްރޮޑިއުސްކުރަނީ އަނޫބާވް ސިންހާގެ ޕްރޮޑަކްޝަން ހައުސްކަމަށްވާ "ބެނާރަސް މީޑިއާވޯކްސް" އިން ކަމަށް ޚަބަރު ލިބެއެވެ.

ފިލްމާ ބެހޭ ގޮތުން ވާހަކަދައްކަމުން އަނޫބާވް ސިންހާ ބުނީ، ފިލްމުގައި ގެނެސްދޭނީ ފެބުރުވަރީ/މާޗް 2020 އިން ފެށިގެން ކުރިމަތިލާންޖެހުނު ކަންތައްތަކުގެ ވާހަކަ ކަމަށާ، ކޮންމެ މީހަކުވެސް ވާހަކައެއް ހުށަހަޅާދޭނެ ކަމަށެވެ. އެގޮތުން ޑައިރެކްޓަރުން ހުށަހަޅާދޭ ވާހަކަތަކަކީ ހަގީގީ ވާހަކަތެކެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި މި ފިލްމުގައި ހުރިހާ ރަހައެއް އެކުލެވޭނެ ކަމަށް ޚަބަރު ލިބެއެވެ.

ކަނޑައެޅިގެން ވަކި ނަމެއް އަދި ދީފައި ނުވާ މި ފިލްމް ރިލީޒް ކުރާނީ 2021 ވަނަ އަހަރު ކަމަށް ޚަބަރު ލިބެއެވެ.