ސިޔާސީ އެއްވެސް ޕޯސްޓަކަށް ކޮމެންޓް އަދި ލައިކެއް ދީފައެއް ނުވާނެ ކަމަށް ސްޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.
ދާއޫދު އެހެން ވިދާޅުވެފައި ވަނީ ރޭ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓަކަށް ދާއޫދު ލައިކެއް ދެއްވާފައިވާ ސްކްރީންޝޮޓުތަކެއް ސޯޝަލް މީޑިއާގައި ދައުރުވެ ބައެއް މީޑިއާތަކުން އެކަމާ ގުޅޭ ގޮތުން ހަބަރު ގެނެސްދިނުމާ ގުޅިގެންނެވެ.
އެކަން ދޮގުކުރައްވާ ދާއޫދު ވިދާޅުވީ ސޯޝަލް މީޑިޔާގައި ސިޔާސީ އެއްވެސް ޕޯސްޓަކަށް ކޮމެންޓްކޮށް އަދި ލައިކް ވެސް ދެއްވާފައި ނުވާ ކަމަށެވެ. އަދި އޭނާއަށް އެނގިވަޑައިގެން އެފަދަ ނާތަހުޒީބު އެއްވެސް އަމަލެއް ކުރައްވައިފައިނުވާ ކަމަށް ދާއޫދު ވަނީ ވިދާޅުވެފައެވެ.
ޖަމީލު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ހުރިހާ ކަމެއް ބޮއްސުންލައިފި ކަމަށެވެ. އެގޮތުން އިދިކޮޅު ލީޑަރު ޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީއަށް އަތްބާނައިގެން ކަމަށް ޖަމީލުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ދިމާކޮށްފައިވަނީ މިނިވަންކަން ވިއްކާލަން ކަމަށާއި މުޒާހަރާ ކުރިއަށްދާނެ ކަމަށް ޖަމީލު ވަނީ ވިދާޅުވެފައެވެ.