ކޮވިޑް-19ގެ ބިޔަ ރާޅުތައް ދުނިޔޭގެ އެކި ގައުުތަކަށް ބިންދަމުން ދާއިރު، ގާތްގަނޑަކަށް ކޮންމެ ގައުމެއްގައި ވެސް މި ބަލިން ރައްކާތެރިވުމުގެ ގޮތުން ފުރަތަމަ އަޅާ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ބަލި ހަލުވި ކަމާއެކު ފެތުރިގަނެއެވެ. އެގޮތުން ގިނަ ގައުމުތަކުގައި ފިޔަވަޅުތައް އަލުން ވަރުގަދަކޮށް ލޮކްޑައުން ވެސް ކުރަން ޖެހެއެވެ. ރާއްޖޭގެ މިސްރާބު ވެސް ހުރީ އެދިމާލަށް އަމާޒު ހިފާފައެވެ.

މުޖުތަމައު ތެރެއިން ކޮވިޑްގެ ކޭސްތައް ފެނި އޭޕްރީލް 15 ވަނަ ދުވަހު ލޮކްޑައުން ކުރުމަށްފަހު ޖޫން 15ގައި ލޮކްޑައުން އުވާލީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުއެވެ. ހަރުފަތްތަކަށް ބަހާލައިގެން ލުއިތައް ދެމުން އައިސް، އިގްތިސޯދު އަލުން ކޮޅަށް ޖެހުމުގެ މަސައްކަތުގައި ބޯޑަރު ވެސް ހުޅުވާލީއެވެ. ރައްކާތެރިވުމުގެ ގޮތުން މާސްކު އެޅުމައި ގައިދުރުކަން ބެހެއްޓުމަށް އަބަދުމެ އިލްތިމާސް ކުރަމުންނެވެ.

ޖޫން 15 ގައި ލޮކްޑައުން އުވާލިއިރު ރާއްޖޭގައި ޕޮޒިޓިވްވަމުން ދިޔައީ ސާމްޕަލް ނަގާ ޓެސްޓު ކުރި މީހުންގެ ތެރެއިން 2.08 ޕަސަންޓު މީހުންނެވެ. ނަމަވެސް މި ރޭޓު ދުވަހެއް ދުވަހަކަށް އިތުރު ވަމުން ގޮސް މިހާރު ވަނީ 5.68 ޕަސަންޓަށް އަރާފައެވެ.

ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ ރޭޓު ކޮންމެ ހަފްތާއަކުން:

  • ޖޫން 16 އިން ޖޫން 22 އަށް: މި މުއްދަތު ތެރޭގައި 7297 ސާމްޕަލް ނަގާފައިވާއިރު، 152 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 49 ދިވެހިންނާއި 103 ބިދޭސީންނެވެ. އެއީ ސާމްޕަލް ނަގާ ޓެސްޓު ކުރި މީހުންގެ ތެރެއިން 2.08 ޕަސަންޓު މީހުންނެވެ.
  • ޖޫން 23 އިން ޖޫން 29 އަށް: މި މުއްދަތު ތެރޭގައި 6508 ސާމްޕަލް ނަގާފައިވާއިރު، 120 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 46 ދިވެހިންނާއި 74 ބިދޭސީންނެވެ. އެއީ ސާމްޕަލް ނަގާ ޓެސްޓު ކުރި މީހުންގެ ތެރެއިން 1.84 ޕަސަންޓު މީހުންނެވެ.
  • ޖޫން 30 އިން ޖުލައި 6 އަށް: މި މުއްދަތު ތެރޭގައި 7380 ސާމްޕަލް ނަގާފައިވާއިރު، 154 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 72 ދިވެހިންނާއި 82 ބިދޭސީންނެވެ. އެއީ ސާމްޕަލް ނަގާ ޓެސްޓު ކުރި މީހުންގެ ތެރެއިން 2.08 ޕަސަންޓު މީހުންނެވެ.
  • ޖުލައި 7 އިން ޖުލައި 13 އަށް: މި މުއްދަތު ތެރޭގައި 5948 ސާމްޕަލް ނަގާފައިވާއިރު، 271 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 212 ދިވެހިންނާއި 59 ބިދޭސީންނެވެ. އެއީ ސާމްޕަލް ނަގާ ޓެސްޓު ކުރި މީހުންގެ ތެރެއިން 4.55 ޕަސަންޓު މީހުންނެވެ.
  • ޖުލައި 14 އިން ޖުލައި 20 އަށް: މި މުއްދަތު ތެރޭގައި 4537 ސާމްޕަލް ނަގާފައިވާއިރު، 237 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 188 ދިވެހިންނާއި 49 ބިދޭސީންނެވެ. އެއީ ސާމްޕަލް ނަގާ ޓެސްޓު ކުރި މީހުންގެ ތެރެއިން 5.22 ޕަސަންޓު މީހުންނެވެ.
  • ޖުލައި 21 އިން ޖުލައި 27 އަށް: މި މުއްދަތު ތެރޭގައި 6512 ސާމްޕަލް ނަގާފައިވާއިރު، 370 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 249 ދިވެހިންނާއި 121 ބިދޭސީންނެވެ. އެއީ ސާމްޕަލް ނަގާ ޓެސްޓު ކުރި މީހުންގެ ތެރެއިން 5.68 ޕަސަންޓު މީހުންނެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ޕޮޒިޓިވެފައި ވަނީ 792 މީހުންނެވެ. އޭގެ ތެރެއިން 60 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އެގޮތުން އެއީ ޕޮޒިޓިވް މީހުންގެ 8 ޕަސަންޓް މީހުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލު ނުވީ ކަމަށް ބަލާނީ، ފްލޫ ކްލިނިކްގެ ސާމްޕަލްތަކުގެ 20 ޕަސަންޓް ޕޮޒިޓިވްވާ ނަމަ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ބުނެފައެވެ. އެ ޓީމުން ބުނީ 80 ޕަސަންޓް ހޮސްޕިޓަލް އެނދުތައް ފުރިއްޖެ ނަމަ ވެސް ބަލި ކޮންޓްރޯލް ނުވީ ކަމަށް ބަލާ ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހަށްވުރެ އަނެއް ދުވަސް އިތުރުވާނަމަ ނުވަތަ ޑަބްލިން ޓައިމް ކުރުވާ ނަމަވެސް ބަލި ކޮންޓްރޯލް ނުވާ ކަމަށް ބެލެވޭނެ ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

ޓެގް ޓީމުން ބުނެފައިވާ ގޮތުގައި ލޮކްޑައުނަށް ލުއި ދިނުމުގައި ވަކި މިންގަނޑުތަކަކަށް ބަލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި، ފްލޫ ކްލިނިކުން ޕޮޒިޓިވްވާ އަދަދާއި ނިޔާވާ މީހުންގެ އަދަދާއި، ޑަބްލިން ޓައިމް އަދި ގުޅުމެއް ނެތް ކޭސްތަކުގެ އިތުރުން ހޮސްޕިޓަލްގައި ހުރި އެނދުތަކުގެ އަދަދު ހިމެނެއެވެ.

ރާއްޖޭގައި މިހާތަނަށް ޖުމްލަ 3369 މީހުން ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރެއިން ދިވެހިންނަކީ 1531 މީހުންނެވެ. އަދި 1472 ބަންގްލަދޭޝް މީހުން ތިބިއިރު، އެހެން ގައުމުތަކުގެ 366 މީހުން ވެސް ވަނީ ރާއްޖެއިން ޕޮޒިޓިވްވެފައެވެ. ލޮކްޑައުން ކޮށްފައި އޮތް ދެ މަސް ދުވަހުގެ ނަންބަރުތަކަށް ބަލާލާއިރު، ދިވެހިންގެ ޕޮޒިޓިވްވާ މިންވަރު އުޅުނީ ބިދޭސީންނަށްވުރެ ބޮޑުތަނުން ވެސް ދަށުގައެވެ. އޭރު ބަލި ފެތުރިގެން ދިޔައީ ބިދޭސީންގެ މެދުގައެވެ. ދިވެހިން ތިބީ ބަސް އަހައިގެން ގޭގައެވެ.

ދިވެހިން ޕޮޒިޓިވްވާ އަދަދު ގިނަވާން ފެށީ ލޮކްޑައުނަށް ފަހު ހުޅުވާލި ހުޅުވާލުމުގައެވެ. އެގޮތުން ޖޫންމަހު ޖުމްލަ 572 މީހުން ޕޮޒިޓިވްވެފައި ވާއިރު، 270 މީހުންނަކީ ދިވެހިންނެވެ. މީގެ ތެރެއިން ޖޫން 15 އަށްފަހު 326 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 122 މީހުންނަކީ ދިވެހިންނެވެ. އަދި ޖުލައި މަހު މިހާތަނަށް 1008 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 700 މީހުންނަކީ ދިވެހިންނެވެ.

މިއީ ނުރައްކާތެރި ސިގްނަލެއް ކަމަށް ސިއްހީ މާހިރުން ތަކުރާރުކޮށް އެ ވިދާޅުވާ ވިދާޅުވުން ދިވެހިންނަށް ހަމަ ނީވޭ ކަހަލައެވެ. އިލްތިމާސްކުރަނީ ހަމަ ވަރަށް 'ސިމްޕަލް' 4 ކަމެއްގެ ވާހަކައެކެވެ. މާސްކެއް އެޅުމާއި، ގައިދުރުކުރުމާއި، ގިނަގިނައިން އަތް ސާފު ކުރުމުގެ އިތުރުން ބަލިވެ އުޅޭ ނަމަ މީހުންގެ ތެރެއަށް ނުގޮސް ޓެސްޓު ކުރުމަށެވެ.