ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅޭފަދަ ކަންކަން މެދުވެރިވިޔަ ނުދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފިއެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ފަހަކަށް އައިސް ރާއްޖޭގައި ބާއްވަ އެއްވުންތަކާއި މުޒާހަރާތަކާއި އެނޫންވެސް އެފަދަ ބައެއް ހަރަކާތްތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ބ އަތޮޅު ބޮޑުފިނޮޅުގައި ދާދިފަހުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެކަމުގެ މައުލޫމާތު ކަވަރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސަސް އިން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަން އެ ކައުންސިލުން ވަނީ ހިތާމައާއެކު ފާހަގަކޮށްފައެވެ.
އަދި މިމަހުގެ 26 ވަނަ ދުވަހު މާލޭގެ ބައެއް މަގުތަކުގައިި އިދިކޮޅު ސިޔާސީ ފަރަތްތަކުން ބޭއްވި މުޒާހަރަ ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށްވެސް ފުލުހުންގެ ފަރާތިން ހުރަސްތައް ކުރިމަތިވެފައިވާކަމުގެ ޝަކުވާ އެ ކައުންސިލުގެ މެންބަރުންނަށް ލިބިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އެގޮތުން މުޒާހަރާގެ މަންޒަރު ނުފެންނަ ހިސާބަށް ނޫސްވެރިން ދުރަށް ޖެއްސުމާއި، އެ ނޫންވެސް މުޒަހަރާގައި ހިނގަމުންދާ ކަންކަން ކަވަރުކުރަން ހުރަސް އެޅޭފަދަ ބައެއް ކަންކަން ފުލުހުންގެ ފަރާތުން ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.
މީޑިއާ ކައުންސިލުން ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައިވާ ގޮތުގެ މަތިން މީޑިއާގެ މަސައްކަތަށް ހުރަސް އެޅުމަކީ މުޒާހަރާތަކުގައި ވެސް ފުލުހުންނަށް ނުކުރެވޭނެ ކަންކަމުގެ ގޮތުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ލިބިދިނުމަށްޓަކައި ގައުމުގައި ހިންގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި މީޑިއާއާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސްނޭޅޭ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން މީޑިއާ ކައުންސިލުން ވަނީ މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ނޫސްވެރިންގެ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނުގެ އިމުގެ ތެރޭގައި މިފަދަ ކަންކަން ކަވަރުކުރުމުގެ މަސައްކަތް ކުރުމަށް ހަނދާން ކޮށްދީފައެވެ. އަދި މުޒާހަރާތައް ކަވަރުކުރަން ނުކުންނަ ނޫސްވެރިން ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވާ އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތަށް ނުކުތުމަށް އެ ކައުންސިލުން ވަނީ ހަނދާން ކޮށްދީފައެވެ. އެގޮތުން މި ގަވާއިދުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ ހާއްސަ ފާސް އަޅައިގެން މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރުމަށް އެ ކައުންސިލުން އިލްތިމާސް ކުރެއެވެ.
ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ނޫސްވެރިކަމުގެ މަސައްކަތްކުރުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށާއި އެ މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ލިބޭކަން ޔަގީން ކުރުމަކީ މީޑިއާ ކައުންސިލުގެ ގާނޫނީ ޒިންމާއެކެވެ. އެހެންކަމުން އެ ކައުންސިލުން ބުނީ، ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް އަދި އެހެނިހެން އިދާރާތަކުން ވެސް މީޑިއާގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަމެއް ކުރުމަކީ އެ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.