މާލެ ސަރަހައްދުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރުމަށް ނިންމައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ، މާލެ ސަރަހައްދުގައި ބޮޑު އީދު ނަމާދު، ބޮޑު ޖަމާއަތެއްގައި ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން އަތޮޅުތެރޭ ރަށްތަކުގައި ކައުންސިލުން އެދޭނަމަ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވޭނެ ކަމަށް އަފްރާހު ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ބޮޑު އީދު ދުވަހަކީ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ފަހު އަލުން ހުއްދަ ދިނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

މިސްކިތްތަކުގައި ނަމާދު ކުރަން ހުއްދަ ދިން ނަމަވެސް ހުކުރު ކުރަން ހުއްދަ ދިނީ ދެ ހަފްތާ ފަހުންނެވެ. މިސްކިތްތައް އާންމުކޮށް ހުޅުވާލައިފައި ވާއިރު ގައިދުރުކަން ބަހައްޓައިގެން މިސްކިތަށް އަރާ ފޭބުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުން ދިޔަ ނަމަވެސް، މިސްކިތަށް އަރާ ފޭބުމުގައާއި ޖަމާއަތަށް ސަފު ހެދުމުގައި ގައިދުރު ކަމެއް ނުބަހައްޓައެވެ. އަދި ދާދި ފަހުން ކޮވިޑަށް ޕޮޒިޓިވް ވި މީހަކު މާލޭގެ 3 މިސްކިތަކަށް އެރުމުގެ ސަބަބުން އެ މިސްކިތްތައް ވަގުތީ ގޮތުން ބަންދުކޮށް ޑިސްއިންފެކްޓް ކުރަން ޖެހިފައި ވެއެވެ.

ބޮޑު އީދު ނަމާދު މާލޭގައި ކުރާނީ އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތްތަކުގައި ކަމަށް އަފްރާހު ވަނީ ވިދާޅުވެފައެވެ.