ރާއްޖެއައި ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން އެޗްއީއޯސީން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށްދީފައެވެ. މިއީ ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ހުޅުވާލި ފަހުން ރާއްޖެއިން ޕޮޒިޓިވްވި ފުރަތަމަ ފަތުރުވެރިޔާއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ޕޮޒިޓިވްވެފައި ވަނީ އެމެރިކާގެ ރައްޔިތެއް ކަމަށާއި، އޭނާ ރާއްޖެ ދަތުރުކޮށްފައި ވަނީ ޓޫރިސްޓް ވިސާގައި ކަމަށެވެ. އެ ފަތުރުވެރިޔާ ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވެފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވި މީހާ، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އައިސޮލޭޝަނަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެ ފަތުރުވެރިޔާ ހުރީ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގައި ކަމަށް ޑރ. ނަޒްލާ މައުލޫމާތު ދެއްވައެވެ.

އޭނާ އަކީ އެއްވެސް އަލާމާތެއް ހުރި މީހެއް ނޫން ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.