އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން އިންތިޒާމުކޮށްގެން "އެންމެން އެއް އަޑަކުން" ނަމުގައި މާލޭގައި މަގުމަތީގައި ރޭ ބޭއްވި މުޒާހަރާއާމެދު މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ސުވާލު އުފައްދަވައިފިއެވެ.
އެގޮތުން ޔުމްނާ ވަނީ، މިމުޒާހަރާ ކޮށްފައި ވަނީ މިނިވަންކަމަށްޓަކައި އަދި ރައްޔިތުންނަށްޓަކައި ކަމަށް ބުނެ މާސްކު އެޅުމެއް ނުވަތަ ގައިދުރުކަމެއް ނެތި ކަން ފާހަގަކުރައްވާފައެވެ. މިއީ ކޮވިޑް-19ގެ ބަލިމަދުކަން ފެތުރިފައިވާ ދުވަސްވަރު ކަން ފާހަގަ ކުރައްވާ އޭނާ ވަނީ މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަނީ ހަމަ ރައްޔިތުންނަށްޓަކައިތޯ ސުވާލު އުފައްދަވާފައެވެ.
ރޭ އިދިކޮޅުން ބޭއްވި މުޒާހަރާގައި ވަނީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށާއި ރާއްޖޭގައި އިތުރު ގައުމެއްގެ މީހުންނަށް ޖާގަ ނުދިނުމަށާއި ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހު، މިނިވަންކަންކަމުގެ އިހުސާސް ކުރެވިގެން ނުދާ ކަމަށް ބުނެ އަޑުއުފުލާފައެވެ. އެގޮތުން ފުލުހުންނާއި މުޒާހަރާގެ ބައިވެރިން ވަނީ އެއްވެސް ގައިދުރު ކަމެއް ނެތި މުޒާހަރާކޮށްފައެވެ.
ޔުމްނާ މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ސިއްހީ ނިޒާމަށް ނުކަތާ ވަރަށް އިސާހިތަކު ގޯސްވެދާނެ ކަމަށް ލަފާ ކުރައްވާފައެވެ. ދުންޔާ ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވަމުން ދާއިރު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ދެވަނަ ފަހަރަށް ރާއްޖެ ލޮކްޑައުން ކުރުމަށް ސަރުކާރު ފަސް ޖެހެނީ ކީއްވެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާނީ ރާއްޖެއަކީ ރައްކާތެރިތަނެއް ކަމުގެ ޔަގީންކަން އެމީހުންނަށް ލިބިގެން ކަމަށެވެ.
ޔުމްނާ އަދި ދުންޔާ ވެސް މިކަމާ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ސަރުކާރުން ދީފައިވާ ލުއިތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި، މިއީ އެއަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ވަގުތު ކަމުގައި ދެކޭ ކަމަށް ބުނެ ލުއިތައް ހަރުކަށި ކުރުމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިންވެސް ވަނީ ގޮވާލާފައެވެ.