މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުން ގެންދަވާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އައްސަވައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން ހއ. ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ ފާޑުވިދާޅުވުން ރައީސް ސޯލިހަށް އަމާޒުވެ، އެމަނިކުފާނުގެ ނިޔަތްޕުޅާ މެދު ސުވާލު އުފައްދަވައިފިއެވެ.

ޝުޖާއު ވަނީ އިދިކޮޅުން ސަރުކާރާއެކު މަޝްވަރާއަށް ދާންވީ ދެމަފިރިން ދަރިފުޅު ގޮވައިގެން މުލީއާގެ ދޮށަށް ސަލާން ޖަހަން ދިޔަ ގޮތަށްތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ޕާޓީތަކަށް ދައުވަތު ދެއްވީ ސަރުކާރުން އިސްވެ، އޭރުގެ އިދިކޮޅަށް ސިޓީ ފޮނުވައިގެން ކަމަށާއި، މީޑިއާ ހިތޯބަކުން ނޫން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ރައީސްގެ ނިޔަތްޕުޅާ މެދު ސުވާލު އުފެދޭ ކަމަށެވެ.

މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުން ގެންދަވާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އައްސަވައިގެން ކަމަށާއި ގާނޫނުއަސާސީ ވެސް ބިނާވެފައި އޮތީ، ތަފާތު ހިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ގައުމުގެ ކަންކަން ހިންގުމުގެ މައްޗަށް ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު އެހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހަށް ފާޑު ވިދާޅުވެ، ސަރުކާރާއެކު މަޝްވަރާއަށް ދާންވީ ދެމަފިރިން ދަރިފުޅު ގޮވައިގެން މުލީއާގެ ދޮށަށް ސަލާން ޖަހަން ދިޔަ ގޮތަށްތޯ ޝުޖާއު އައްސަވާފައި ވާއިރު، މިދިޔަ ހޮނިހިރު ދުވަހު 7 މަހުގެ ތުއްތު ކުއްޖަކު ބޭސްފަރުވާއަށް އިންޑިއާއަށް ފުރުމުގައި ދަތިތަކެއް ދިމާވުމާ ގުޅިގެން ކުއްޖާ ގޮވައިން ކުއްޖާގެ މަންމައާއި ބައްޕަ ވަނީ މުލީއާގެ ދޮށަށް ގޮސްފައެވެ. އެމީހުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އަމްރިތާ ހޮސްޕިޓަލަށް ބޭސްފަރުވާއަށް ފުރުމަށް ހަމަޖެހިފައި އޮތް ޔޫން މުހައްމަދު ޔުނާން ކިމްސް ހޮސްޕިޓަލަށް ދާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން ކަމަށް ބުނެއެވެ. ކުއްޖާގެ ބައްޔަށް ފަރުވާ ހޯދުމަށް އަމްރިތާ ހޮސްޕިޓަލަށް ދާން ބޭނުންވާ ކަމަށާއި އަދި ކިމްސް ހޮސްޕިޓަލަކީ އެފަދަ ނާޒުކު އޮޕަރޭޝަނެއް ކުރަން ދާން އެންމެ ރަނގަޅު ހޮސްޕިޓަލް ނޫން ކަމަށް ކުއްޖާގެ އާއިލާއިން އަންނަނީ ބުނަމުންނެވެ.

އާސަންދައިން ބުނެފައި ވަނީ، އިންޑިއާގެ އަމްރިތާ ހިސްޕިޓަލަށް ބޭސްފަރުވާ އަށް ދިޔަ ބަލި މީހުންނާއި އެހީތެރިންގެ ތެރެއިން 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، އެމީހުން ވަކިން ކަރަންޓީނުކޮށް ބައެއް މީހުން ވަކިން އައިސޮލޭޓް ކުރަން ޖެހުމާ ގުޅިގެން މިވަގުތު އަމްރިތާ ހޮސްޕިޓަލުގައި އިތުރަށް ކަރަންޓީނު ކޮށްގެން ފަރުވާ ދެވޭނެ ޖާގަ ނެތީ ކަމަށެވެ.

އެހެންކަމުން ދެން ބަލި މީހުން ފޮނުވަން ހަމަޖެހިފައި ވަނީ ކިމްސް ހޮސްޕިޓަލަށް ކަމަށެވެ. އާސަންދައިން ބުނީ، ކިމްސް ހޮސްޕިޓަލަށް ދާން ކުއްޖާގެ ބެލެނިވެރިން ބޭނުން ނުވުމުން، ދެން އަމްރީތާއަށް ފޮނުވާ ބެޗެއްގައި އެ ކުއްޖާ ފޮނުވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވަކިން ވެސް ކުއްޖާ އަމްރީތާއަށް ފޮނުވޭނެ ގޮތެއް ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އާސަންދައިން ބުނެއެވެ.