މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން ކަމަށް ވިދާޅުވުމުން ރައްޔޮތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހަށް ތައުރީފު ކުރައްވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ އިންތިޒާމުގައި ވާދަވެރި ޕާޓީތައް މިހާރަށްވުރެ ބޮޑަށް ބައިވެރިވުމަށް ރައީސް ކުރެއްވި އިލްތިމާސަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ފުރިހަމަ ޑިމޮކްރެޓިކް ނިޒާމަކަށް ދައުކަތުގެ އިހްލާސްތެރި ވާދަވެރިޔާއާއި އޭނާގެ ކެބިނެޓްގެ ފާޑު ކިއުން މުހިންމު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިނިވަންކަން ދެމެހެއްޓޭނީ ސިޔާސީ ހަމަޖެހުމުން ކަމަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ، މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން ކަމަށެވެ. އަދި ގާނޫނުއަސާސީ ވެސް ބިނާވެފައި އޮތީ، ތަފާތު ހިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ގައުމުގެ ކަންކަން ހިންގުމުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، މި އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ހުރިހާ ސިޔާސީ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން، އެންމެން އެއްބަސް ވާންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އަދި ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނވަން ދުވަހުގެ މުނާސަބަތާ ގުޅިެގން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށް، އަދި މުޅި ގައުމަށް ކަމަށެވެ. އަދި ފައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އެގޮތުން އެބޭފުޅުންގެ ހިޔާލާއި މަޝްވަރާއަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.