ގައުމެއްގެ މިނިވަންކަމަށް ނުރަނގަޅު ނުފޫޒުތައް ފޯރުމުގައި، އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ، އިގްތިސޯދަށް ކުރިމަތިވާ ހީނަރުކަން ކަމަށް ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިލުފާނު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ އިގްތިސޯދީ ހީނަރުކަމުން ގައުމުގެ މިނިވަން ކަމަށް ނުރަނގަޅު ނުފޫޒު ފޯރާ ކަމަށާއި ގައުމުގެ އިގްތިސޯދުގައި ދިރުމެއް ނެތީވިއްޔާ، އެ ގައުމެއްގެ މިނިވަންކަމަށް އަބަދުވެސް ދާނީ ނުރައްކާތައް ކުރިމަތިވަމުން ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މުޅި ދުނިޔެ މިއަދު މިވަނީ، ފަހުގެ ޖީލުތައް ތަޖުރިބާ ނުކުރާވަރުގެ ބަނަކަމެއްގެ ތެރޭގައެވެ. މި ބަލީގެ ހިޔަނި ނޭޅޭ އެންމެ އައިލާއެއް މިރާއްޖޭގައިވެސް ނެތްއިރު މިއީ ބަލިމަޑުކަމެއް ކަމަށްވިޔަސް، މިބަލީގެ ޖަރާސީމު ހަމަލާ ދެނީ ހަމައެކަނި އިންސާނުންގެ ހަށިގަނޑަކަށް ނޫނެވެ.

ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19 ގާދޫކޮލުން އެތެރެވެ، ރާއްޖޭގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކުރުވި ކަމަށާއި، އާންމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށްފި ކަމަށެވެ. އަދި ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅި، ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސް، އިމްޕޯޓް އެކްސްޕޯޓަށް ބުރޫއަރުވައި، ރާއްޖޭގެ މުޅި އިގްތިސޯދު ކަރުތާފެނަށް ގަންބާލައިފި ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ބަންދުކުރިތާ ތިން މަހަށްފަހު، ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލާފައިވީ ނަމަވެސް އިގްތިސޯދީ ގޮތުން އަދި އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އުންމީދަކީ މިއަހަރުގެ ފަހުކޮޅަށްދާއިރު ފަތުރުވެރިކަން ރަނގަޅުވެ، އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އައުން ކަމަށެވެ. ނަމަވެސް، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ގައުމެއްކަމުގެ އިތުބާރާއި ޔަގީންކަން، ބޭރު ދުނިޔެއަށް ލިބިގެން ނޫނީ، މި އުންމީދު ހާސިލު ނުވާނެ ކަމަށް އެ މަނިކުފަނު ވިދާޅުވިއެވެ. އަދި އެ އިތުބާރު ލިބޭނީ، ޑޮކްޓަރުންގެ އިރުޝާދުތަކަށް އަމަލުކޮށް، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް، އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު މިހާރުވެސް ބިނާވެފައި އޮތީ، ދިވެހިން ތަރައްގީކުރި ދެ ސިނާއަތެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ދޮށީގެ މަސްވެރިކަމަކީ، މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވޭ، ދިވެހިންގެ އަމިއްލަ އުފެއްދުމެއް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަކީ ވެސް، ދިވެހިންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ތަރައްގީކޮށް، ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ ސިނާއަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މިއީ އިގްތިސޯދީ ހަރަކާތްތައް ސިންދަފާތު ކުރުމަށް އަމާޒު ހިފަންވީ ވަގުތު ކަމަށެވެ. އަދި މިއީ އިގްތިސޯދީ ހަރަކާތްތަކުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރަންވީ ވަގުތު ކަމަށާއި ރާއްޖޭގެ އެއްގަމާއި ކަނޑުގައިވާ، ގުދުރަތީ ވަސީލަތްތަކުގެ ނަފާ އިތުރުކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ހާލަތަށް ގައުމު ގޮސްފައިވާ ދުވަސްވަރެއްގައި، މިނިވަން ދުވަސް ފާހަގަކުރާއިރު، ގައުމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު ބޮޑު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ގިނަކަމާއި، ވާންޖެހިފައިވާ ގުރްބާނީ މަތިވެރި ކަމަށެވެ.