މިނިވަންކަމުގެ ދަތުރުގައި 55 އަހަރު ހޭދަކުރެވުނު އިރު، ތަރައްގީގެ ސަމުގާއިން، ދެން އަމާޒު ހިފަންވީ ކޮން މިސްރާބަކަށްކަން، އެކަކަށްވެސް އޮޅިގެން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ގަުއމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ، މިއަދު ކޮންމެ ދިވެއްސެއްގެ ވިސްނުން ބަހައްޓަންވީ، ގައުމު ކުރިއަރުވައި ތަރައްގީ ކުރުމުގައި، ފަރުދީ ޒިންމާ އަދާކުރުމަށް ކަމަށެވެ.

އެކަން ހާސިލުކުރެވޭނީ، ތަރައްގީއަކީ ތިމާގެ ޒާތީ ދިރިއުޅުމުގެ އެއްބައި ކަމަށް ގަބޫލުކޮށް، އެމަގަށް ފަރުދުންގެ ދިރިއުޅުން ބައްޓަންކޮށްގެން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ހަގީގީ ދިރިއުޅުމަކީ، ފަސްމަގުގެ މޯހިރަށް ގެއްލިގެންދާ ދުވަހަށްވުރެ، ކުރިމަގުގެ އުދަރެހުން އަލިވިލޭ ކޮންމެ ދުވަހަކާއެކު، ތިމާގެ އަމިއްލަ ދިރިއުޅުމުގައި އާ ބަދަލުތަކަށް އުންމީދުކުރެވޭ ދިރިއުޅުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމާ މުހާތަބު ކުރައްވާ ވަހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ތަރައްގީއާ ފައިހަމަވާ ދިރިއުޅުމެއް ހޯދޭނީ، ދިރިއުޅުމަކީ ލިބޭ އާމްދަނީއަކުން ބަނޑުފުރާނަ މުއްތިކޮށްލުން ކަމަށް ދެކޭ ދެކުން ބަދަލުކޮށްގެން ކަމަށެވެ. އަދި އަބަދުވެސް އިއްޔެއަށްވުރެ މިއަދު ތަރައްގީކޮށް، އަދި އެއަށްވުރެ ފާގަތި މާދަމާއަކަށް މަސައްކަތް ކޮށްގެން ކަމަށާއި ހަޔާތުގެ ފިޔަވަޅުމަތީ ހުއްޓި ނުހުރެ، ބަދަލުވުމުގެ ރާސްތާގައި ކުރިއަށް ގޮސްގެން އެމަނިކުފާނު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ގައުމީ ތަރައްގީއަށް ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރެވޭނީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް، ވަރަށް ހަލުވިމިނެއްގައި ތަރައްގީކޮށް، އެ ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފައިގެން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ގައުމީ ތަރައްގީގެ ސިޔާސަތުގައި، މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދެނީ، އެ ސަބަބަށްޓަކައި ކަމަށެވެ. އަދި ގައުމުގެ އިގްތިސޯދީ އަދި ސިޔާސީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ރައްޔިތުން އެކުގައި އެއް އަޒުމެއްގައި މަސައްކަތްކޮށް، މި ނަތީޖާ ހާސިލުކުރުމަކީ މާ އުނދަގޫ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފަނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަކޮޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ މިނިވަންކަމުގެ ބާނީ، ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ، ސުމުއްވުލްއަމީރު އަލްމަރްހޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒިކުރާ އާކޮށް، އެމަނިކުފާނުގެ ފުރާނަފުޅަށް ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވާފައެވެ. އަދި ރާއްޖޭގެ މިނިވަންކަމަށްޓަކައި، ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންނެވި އެންމެހައި ބަތަލުންގެ ފުރާނައަ ށްވެސް ހެޔޮ ރަޙްމަތްލެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ދަންނަވާފައެވެ.