މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުން ދާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އަހައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ، ގާނޫނުއަސާސީ ވެސް ބިނާވެފައި އޮތީ، ތަފާތު ހިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ގައުމުގެ ކަންކަން ހިންގުމުގެ މައްޗަށް ކަމަށެވެ

ރައީސް ސޯލިހް ވިދާޅުވީ، މި އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި، ހުރިހާ ސިޔާސީ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އަދި ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނވަން ދުަވހުގެ މުނާސަބަތާ ގުޅިެގން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށް، އަދި މުޅި ގައުމަށް ކަމަށެވެ. އަދި ފައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އެގޮތުން އެބޭފުޅުންގެ ހިޔާލާއި މަޝްވަރާއަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މިއަދަކީ މިއީ ރާއްޖޭހެ 55 ވަނަ މިނިވަން ދުވަހެވެ.

1965، ޖުލައި 26 ވަނަ ދުވަހު ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ލިބުނު އިރު، ރާއްޖޭގެ ތާރީހުން ފެންނަން އޮތީ ފެށުނީއްސުރެ ރާއްޖެއަކީ މިނިވަން ގައުމެއް ކަމުގައެވެ. ރާއްޖޭގެ އަމިއްލަ ވެރިކަމާއި ސިޔާދަތު ގެއްލިގެން ގޮސްފައި އޮތީ، އެންމެ ދެ ފަހަރެވެ. އެއީ މީލާދީން 1558 އިން 1573 އަށް ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް އަތްގަދަކޮށް ވެރިކަން ހިންގި ދުވަސްވަރާއި، އޭގެފަހުން ހިޖުރައިން 1166 ގައި ހޮޅިން ރާއްޖެ ހިފައި އެމީހުންނަށް މި ގައުމުގައި ތިބެވުނު ދުވަސްކޮޅެވެ.