އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރަން ރާއްޖެއިން ބޭރަށް ދާން ހަމަޖައްސާފައިވާ 7 މަހުގެ ޔޫން މުހައްމަދު ޔުނާން އިންޑިއާގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް އާސަންދައިން ބުނެފިއެވެ.
އާސަންދައިން މިހެން ބުނެފައި ވަނީ އަމްރިތާ ހޮސްޕިޓަލަށް ބޭސްފަރުވާއަށް ފުރުމަށް ހަމަޖެހިފައިވާ ތުއްތު ކުއްޖެއް ކިމްސް ހޮސްޕިޓަލަށް ފުރާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ މެންބަރުން މުލިއާގެ ކައިރިއަށް މިއަދު ހަވީރު އެއްވެ އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ.
އެގޮތުން އާސަންދައަށް ލިޔުންތައް ހުށަހަޅައިގެން އިންޑިއާ އަށް ދާން ފުރުސަތު ލިބުނު އިރު ޔޫން ޑޮކްޓަރަށް ދައްކަން ދާން ފުރުސަތު ލިބުނީ އަމްރިތާ ހޮސްޕިޓަލަކަށް ނޫން ކަމަށާއި ކިމްސް ހޮސްޕިޓަލަށް ކަމަށް އެ ކުއްޖާގެ ބެލެނިވެރިން ބުނެއެވެ. ކުއްޖާގެ ބައްޔަށް ފަރުވާ ހޯދުމަށް އަމްރިތާ ހޮސްޕިޓަލަށް ދާން ބޭނުންވާ ކަމަށާއި އަދި ކިމްސް ހޮސްޕިޓަލަކީ އެފަދަ ނާޒުކު އޮޕަރޭޝަންއެއް ކުރަން ދާން އެންމ ރަނގަޅު ހޮސްޕިޓަލް ނޫން ކަމަށް ކުއްޖާގެ އާއިލާއިން އަންނަނީ ބުނަމުންނެވެ. މިކަމާ ގުޅިގެން އާއިލާގެ ހުރި ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން އާސަންދައިން ބުނެފައި ވަނީ، އިންޑިއާއަށް ބޭސްފަރުވާ އަށް ދިޔަ ބަލި މީހުންނާއި އެހީތެރިންގެ ތެރެއިން 3 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން ޕޮޒިޓިވް ވެފައި ވަނީ އިންޑިއާއަށް ދިޔަ މީހުންގެ ތެރެއިން އަމްރިތާ ހޮސްޕިޓަަލަށް ދިޔަ މީހުންނެވެ. އެމީހުން ވަކިން ކަރަންޓީނުކޮށް ބައެއް މީހުން ވަކިން އައިސޮލޭޓް ކުރަން ޖެހުމާ ގުޅިގެން މިވަގުތު އަމްރިތާ ހޮސްޕިޓަލުގައި އިތުރަށް ކަރަންޓީނު ކޮށްގެން ފަރުވާ ދެވޭނެ ޖާގަ ނެތް ކަމަށް އާސަންދައިން ބުނެއެވެ.
އެހެންކަމުން ދެން އިންޑިއާއަށް ބޭސް ފަރުވާއަށް ފޮނުވަން ހަމަޖެހިފައިވާ ބަލި މީހުން އަމްރިތާއަށް ނުފޮނުވާ ކިމްސް ހޮސްޕިޓަލަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ. އާސަންދައިން ބުނީ، ކިމްސް ހޮސްޕިޓަލަށް ދާން ކުއްޖާގެ ބެލެނިވެރިން ބޭނުން ނުވުމުން، ދެން އަމްރީތާއަށް ފޮނުވާ ބެޗެއްގައި އެ ކުއްޖާ ފޮނުވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވަކިން ވެސް ކުއްޖާ އަމްރީތާއަށް ފޮނުވޭނެ ގޮތެއް ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އާސަންދައިން ބުނެއެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު އުފަންވި ޔޫންއަކީ އުފެދުމުގައިވެސް ހިތުގެ މައްސަލައެއް ހުރި ކުއްޖެކެވެ. އޭނާ އުފަންވި ފަހުން 2 ދުވަސްތެރޭ ހިޔުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އަދި ކޮންމެ ތިންމަހަކުން އެފަހަރު ސްކޭން ކޮށް ޓެސްޓުތައް ހަދަން ރާއްޖެއިން ބޭރަށް ދާންޖެހޭ ކަމަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ޑރ. ސުނިލް ވަނީ ބުނެފައެވެ.