މިއަހަރު ކޮވިޑާ ގުޅިގެން މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ނުކުރާ ގޮތަށް ނިންމާފައި ވީ ނަމަވެސް މާދަމާ ހެނދުނު 6 ޖަހާއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިދަ ނެގުމުގެ ރަސްމިއްޔާތެެއް ބާއްވަން ނިންމާއިފިއެވެ.
ހޯމް މިނިސްޓްރީން ބުނީ، މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބު ފާހަގަ ކުރުމަށް މާދަމާ އޮންނާނީ މުޅި ރާއްޖޭގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތަކާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރެއްވުން ކަމަށެވެ. އެގޮތުން ދިދަ ނެގުމަށް ހަމަޖެހިފައިވާ ވަގުތަކީ ހެނދުނު 6:00 އެވެ. އަދި ރައީސް ގައުމާ މުހާތަބް ކުރައްވާނީ ހެނދުނު 10:00 ގައެވެ.
މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. ރަށްރަށުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އެރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާއެއްގައެވެ.
ކޮވިޑް-19 އާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް މި އަހަރު ނުބާއްވާ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުމާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް މި އަހަރު ނުބާއްވާނެއެވެ.
މި މަހުގެ 26 އަދި 27 ބަންދު ކަމަށް ހަމަޖައްސާފައި ވަނީ މިނިވަން ދުވަހަކާ ގުޅިގެންނެވެ. އަދި އެ މުނާސަބަތާ ގުޅިގެން މި މަހުގެ 28 އަދި 29 ވަނީ ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖައްސާފައެވެ.