ރާއްޖެއަށް ބިދެސީން ގެނެވޭ މިންގަނޑެއް ކަނޑައަޅަން ޖެހޭ ކަމަށާއި 50،000 އަށް ވުރެ ގިނަ ބިދޭސީން އެއް ގައުމަކުން ގެނައުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ ވިދާޅުވީ، ފުރުން މަނާކޮށްފައި ނެތް، ޕާސްޕޯޓް އޮތް ކޮންމެ ބިދޭސީއަކަށް ރާއްޖެއިން ފުރޭ ގޮތަށް ހަމަަޖައްސާ އިރު، ދައުލަތުގެ ކުންފުނިތަކާއި އެކި އިދާރާތަކުގެ ވަޒީފާގައި ތިބި ބިދޭސީންތައް ވެސް ފޮނުވާލައި ނެޝަނަލިޓީ ކޯޓާ ތައާރަފް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ކޮންމެ ގައުމަކުން ވެސް އެންމެ ގިނައިން ބިދޭސީން ގެނެވޭނެ މިންގަނޑު ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ގައުމަކަށް ފަންސާސް ހާސް ކޯޓާއަށް ވުރެ ގިނައިން ދޫކުރުމަކީ ނުރައްކަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ މިހެން ވިދާޅުވެފައިވާ އިރު ދާދި ފަހުން ބިދޭސީން މުޒަހާރާ ކޮށް ހިންގި ހަމަނުޖެހުމުގައި ފުލުހުންނާއި ބައެއް އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ވެސް ވަނީ ވެފައެވެ. އަދި މިފަދަ މައްސަލަތަކުގައި އެއްގައުމަކަށް ނިސްބަތްވާ ގިނަ ބިދޭސީންތަކެއް ނުކުމެ ހަމަޖުހުން ހިންގައިފި ނަމަ ކުރިމަތިލާން ޖެހިދާނެ ނުރައްކަލާއި ގެއްލުންތަކާ ބެހޭ ގޮތުން ގިނަ ބަޔަކު މިހާރު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ބޯޑަރުތައް ބަންދުވެ ގައުމަށް ނުދެވިފައި ތިބި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮތް އަދި ފުރުން މަނާކޮށްފައި ނެތް ކޮންމެ ބިދޭސީއަކަށް އެ މީހެއްގެ ގައުމަށް ދިއުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ވަނީ ބުނެފައެވެ. އެގޮތުން މި އިންތިޒާމް މި މަހުގެ 24 އިން ފެށިގެން މިއަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް އޮންނާނެއެވެ.

ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ 3000 އަށްވުރެ ގިނަ މީހަކު މިދިޔަ މަހު ވަނީ ފުރުވާލައިފައެވެ. އޭގެތެރެއިން މިދިޔަ މަހު ބަންގްލަދޭޝްގެ 1065 މީހުން ވަނީ ފުރުވާލާފައެވެ. އަދި 21 އެޕްރީލް އިން ފެށިގެން މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ލިޔެކިޔުން ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝް މީހުންގެ ތެރެއިން 2499 މީހަކު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އަކީ ހައްލު ނުކުރެވި ގިނަ ދުވަސްވެފައިވާ މައްސަލައެކެވެ. އެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު ވަނީ މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.