މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެމްޔޫ) އިން ކޮވިޑް-19 އަށް ކޭހެއް ފެނިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނީ އެމްއެންޔޫގެ މުވަޒަފަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަަމަށެވެ.

އެމްއެންޔޫއިން ކޮވިޑް ކޭސް އެއް ފެނިފައިވާއިރު، މީގެ ކުރިން ވަނީ މާލޭ ސަރަހައްދުގެ ބައެއް ސްކޫލްތަކުގެ މުވައްޒަފުންވެސް ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިމަހުގެ 22 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސްކޫލެއްގެ މުވައްޒަފުންތަކަކާއި ދަރިވަރުންތަކެއް ފެނިފައިވާ ކަމަށް އެޗްއީއޯސީ ބުނެފައިވާއިރު އެމީހުން ޕޮޒިޓިވްވީ ސްކޫލް ތެރެއިން ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްއެންޔޫގެ ކިޔެވުން އަންނަ މަހުގެ 9 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައި ވާއިރު، އެމްއެންޔޫއިން ވަނީ ރެޕިޑް ރެސްޕޮންސް ޓީމްގައާއި ސާމްޕަލް ނެގުމުގައާއި ކޮންޓެކްޓް ޓްރޭސީން ޓްރެއިނިން ދިނުމުގައާއި ކޮވިޑަށް ތައްޔާރުވާން ހޮސްޕިޓަލްތަކުގައި އަދި ހެލްތް ސެންޓަރުތަކުގައި މީހުންނަށް ޓްރެއިނިން ދިނުމުގެ އިތުރުން ޓާސްކްފޯސްތަކުގައި ހަރަކާތެރިވެފައެވެ.

އެންއީއޯސީގެ މަސައްކަތް ފެށުނު ހިސާބުން އެމްއެންޔޫ އިން ދަނީ އެކި ގޮތްގޮތަށް އެންއީއޯސީއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެންއީއޯސީގެ މަސައްކަތުގައި އެ ޔުނިވާސިޓީގެ 1200 ދަރިވަރުންނާއި 300 ސްޓާފުން ބައިވެރިވެފައިވާ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.