ރާއްޖޭން ފުރައިގެން ދިއުމަށް ބޭނުންވާ ބިދޭސީންނަށް ފަސޭހަކަމާ އެކުގައި ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސައި ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ބައިނަލްއަގްވާމީ ދަތުރުފަތުރު ތަކަށް ވައިގެ ބަނދަރު ހުޅުވާލުމުން ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިސާ އާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުން ވާތީ، އެފަދަ ފަރާތްތަކަށް ފަސޭހަކަމާ އެކުގައި ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސައި ދީފައިވާ ކަމަށެވެ.
އެފަދަ ފަރާތްތަކުގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، އެއްވެސް ސަބަބަކާ ހުރެ ރާއްޖެއިން ފުރައިގެން ދިއުމުން މަނާކުރެވިފައި ނުވާނަމަ، އިއްޔެއިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ރާއްޖެއިން ފުރައިގެން ދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
މި ހާލަތުގައި ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ފުރައިގެން ދެވޭނީ، IM07 ފުރިހަމަކޮށް، މުއްދަތު ހަމަނުވާ ޕާސްޕޯޓާއި އެކުގައި އެއަރޕޯރޓް އިމިގްރޭޝަން ހުށަހެޅުމުންނެވެ. މި ފޯމު އެ އިދާރާގެ ވެބްސައިޓް އިން ޑައުންލޯޑު ކުރެވޭނެއެވެ.
ޕާސްޕޯޓުގެ މުއްދަތު ހަމަވެފަވާ ފަރާތްތަކާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަން އިން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.