ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 55 މީހަކު ޕޮޒިޓިވްވެ، 70 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި 55 މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި ބަނގްލަދޭޝް އަށް ނިސްބަތްވާ 21 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ ދެ މީހުންގެ އިތުރުން ލަންކާއަށް ނިސްބަތްވާ މީހެކެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 175 އަށް އަރާފައެވެ.
ރާއްޖެއިން މިހާރު 2498 މީހުން ރަނގަޅުވެފައި ވާއިރު، ރާއްޖެ ވަނީ ނިއު ނޯމަލްގެ އާ އާންމު ހާލަތަށް ވަނީ ހުޅުވާލާފައެވެ. ބޭރަށް ނުކުމެ އުޅުމާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ޕާކުތައްވެސް ވަނީ ހުޅުވާލާފައެވެ. އަދި މިހާރު މާލެތޭރޭގައި މީހުންނަށް ނުކުމެ އުޅޭވޭ ވަގުތުވެސް ވަނީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހަމަޖައްސާފައެވެ.
މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 531 މީހުން ކަމަށް އެޗްޕީއޭއިން ބުނާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި އުޅޭނީ 647 ކޭސްއެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.
އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.
މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.