ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވާލިތާ ފުރަތަމަ 10 ދުވަސްތެރޭގައި އެންމެ ގިނައިން ފަތުުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޔޫކޭ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އިމިގްރޭޝަނުން މިއަދު އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބޯޑަރު ހުޅުވާލިތާ 10 ދުވަސްތެރޭ 904 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އަދި މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޔޫކޭއިން އައިސްފައިވާއިރު، އެގައުމުން އައީ 117 ފަތުރުވެރިން ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވއެިން ޔޫއެސް އިން އައިސްފައިވާއިރު އެގައުމުން އައީ 106 ފަތުރުވެރިންނެވެ. އަދި ޖާމަނީން 73 ފަތުރުވެރިންނާއި ސްވިޒަލޭންޑުން 45 ފަތުރުވެރިންގެ އިތުރުން ރަޝިޔާއިން ވެސް ވަނީ 45 ފަތުރުވެރިން އައިސްފައެވެ. ފިލިޕީންސުން 35 ފަތުރުވެރިން އައިސްފައިވާއިރު ޔޫއޭއީން 31، ސްޕޭނުން 31، ހަންގަރީން 30 އަދު އިޖިޕްޓުން 23 ފަތުރުވެރިން އައިސްފައިވެއެވެ.
މީގެ އިތުރުން އެހެން ގައުމުތަކުން 386 ފަތުރުވެރިއަކު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު އޮން އެރައިވަލް ވިސާ ހަމަޖައްސާ އިރު ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމަކަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ.
ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ކޮވިޑަށް ޓެސްޓު ނުކުރިޔަސް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮވިޑްގެ އަލާމަތް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގައިގެން ޓެސްޓު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފަތުރުވެރިންގެ ތެރެއިން 38 ޑިގްރީއަށް ވުރެ މަތިން ހުން އައިސްފައި ހުރުމާއި ކެއްސާ ކިނބިހި އަޅާނަަމަ ކޮވިޑް ޓެސްޓު ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ބަލީގެ އަލާމާތް ހުރެއްޖެ ނަމަ އެ ފަރާތްތައް ޓެސްޓު ކުރުމުގެ ކަންކމާއި އެކަހެރި ކުރުމުގެ ކަންކަން ވަނީ ހަމަަޖައްސާފައެވެ. މިކަންކަމަށް އެއާޕޯޓުގައި ވެފައިވާ ތައްޔާރީތައް ބޯޑަރު ހުޅުވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ބައްލަވާލައްވާފައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިން ބުކިން ހަދާފައިވާ ރިސޯޓު ނުވަތަ ރަށެއް ފިޔަވާ އެހެން ރަށްރަށަށް ދަތުރު ނުކުރެވޭނެއެވެ. ހަމައެއާއެކު ރާއްޖެ އަންނަ އެއްވެސް ފަތުރުވެރިއަކަށް މާލެއަށް ވެސް ނޭރޭނެއެވެ.
ކޮވިޑް-19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޒަރޫރީ ބޭނުމަށް ނުނީ އެއްވެސް ފްލައިޓެއް ބާއްވާފައެއް ނުވެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އަލުން ބޯޑަރު ހުޅުވާލީ ިމަހު 15 ވަނަ ދުވަހެވެ.