އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރުމާއެކު، އާ އިސްލާހުތަކަށް އަންނަ މަހު 1 ގައި އަމަލުކުރަން ފަށަން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް 17 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވީ އިއްޔެއެވެ. މި ބިލަކީ މިމަހ 15 ވަނަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލު ތަސްދީގ ކުރުމާއެކު ގެޒެޓުގައި ޝާއިއުކޮސްފައިވައިރު ބިލަށް އަމަލު ކރުަން ނިންމާފައި ވަނީ އަންނަ މަހު 1 ވަނަ ދުވަހެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމުން މި ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތްތައް ފިޔަވައި އެހެން އެއްވެސް އެއްޗަކުން އެކްސްޕޯޓް ޑިއުޓީއެއް ނުނެގޭނެއެވެ. އަދި މާވަހަރުން އެކްސްޕޯޓް ޑިއުޓީއަށް ނަގާނީ، އޭގެ އެފްއޯބީ އަގުގެ ފަންސާސް އިންސައްތައެވެ. އަދި ވިޔަފާރި އުސޫލުން ރީއެކްސްޕޯޓްކުރާ މުދަލަށް، އޭގެ އެފްއޯބީ އަގުގެ ފަހެއް އިންސައްތަ ރޯޔަލްޓީއެއް ދައްކަންވާނެ ކަމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ހަމަ އެއާއެކު މި ގާނޫނުގެ ދަށުން މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ކަނޑުގެ ރަސްމީ ބަނދަރުތަކާއި ވައިގެ ރަސްމީ ބަނދަރުތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން، މި ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ބަޔާންކޮށްފައިވާ ތަކެތި ފިޔަވައި އެ ޗެޕްޓަރުގައި ހިމެނޭ އެހެން ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީއިން 50 ޕަސަންޓް މައާފުކުރެވޭނެއެވެ. އަދި އިމްޕޯޓްކުރާ ނުވަތަ އެކްސްޕޯޓްކުރާ ނުވަތަ ރީ-އެކްސްޕޯޓްކުރާ މުދަލަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން، ކަނޑައަޅާ އަގުގެ ކޮންމެ 100 ރުފިޔާ އަކުން 1 ރުފިޔާ ގެ މަގުން ރެވެނިއު ފީއެއް ސަރުކާރަށް ދައްކަންޖެހެއެވެ.

މި އިސްލާހުގެ ދަށުން ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތައް ބޭނުންކުރުމުން ދުރުހެލިކުރުމާއި އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި، ސިގިރެޓާއި ދުންފަތް އެކުލެވޭ ބާވަތްތަކުން ނެގޭ ޑިއުޓީގެ 3 ޕަސަންޓު، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ގާއިމުކޮށްފައިވާ ޕަބްލިކް ހެލްތް ފަންޑަށް ޖަމާކުރަންޖެހެއެވެ. އަދި މި ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ހިމެނޭ އެއްޗެހީގެ ތެރެއިން ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ރައީސް ކަނޑައަޅާ ބާވަތްތައް، އަންނަ ޖެނުއަރީން ފެށިގެން ރާއްޖެއަށް އިމްޕޯޓްކުރުމަކީ މަނާކަމެއް ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މި ބިލުގައި އެކި ބާވަތްތަކުން ނަގާ އިންޕޯޓް ޑިއުޓީއަށް ގެންނަވާފައި ބަދަލުތަކުގެ ތަފްސީލުތައް ހިމަނާފައިވެއެވެ.