ސަރުކާރުން އެކި އެކި ސަބްސިޑީގެ ގޮތުގައި ދީބާޖާއަށް ދިން ޖުމްލަ އަދަދު 115 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓް އޮފީހުގެ ކޮމްޕެލެއިންސް ސްޕެޝަލް އޮޑިޓްގެ މެނޭޖަރު އަބްދުﷲ ޒުހުރީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒުހުރީ ވިދާޅުވީ، ތިން އަހަރަށް ލަފާކޮށް ހިނގާނެ ހަރަދަށް ބަލައި، ދިން ސަބްސިޑީއިން އެ ކުންފުންޏަށް ގެއްލުމެއް ލިބިގެން ގޮސްފައި ނުވާ ކަމަށެވެ. ޖުމްލަ ސަބްސިޑީގެ ގޮތުގައި ގާތްގަނޑަށް 115 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ޒުހުރީ ވިދާޅުވިއެވެ.

އެގޮތުން ދީބާޖާއަށް ދިން ރަށުގެ ލީސް އެކިއުޒޭޝަން ކޮސްޓް އަކީ 68 މިލިއަން ކަމަށާއި އަދި ޓޫރިސްޓް ރިސޯޓު ތަރައްގީ ކުރުމަށް ދިން ރަށުގެ އަހަރީ ކުއްޔަށް 46 މިލިއަން ރުފިޔާ އަދި އިމްޕޯޓު ކޮސްޓަށް ބަލާއިރު، ފަސް ލައްކަ ރުފިޔާ މާފުކޮށްފައިވާ ކަމަށް ޒުހުރީ ވިދާޅުވިއެވެ.

ޒުހުރީ ވިދާޅުވީ، ފުރަތަމަ އެ ރަށް ކުއްޔަށް ދިނީ 25 އަހަރަށް ކަމަށާއި ނަމަވެސް ފަހުން، ސަރުކާރާއެކު ޖޮއިންޓް ވެންޗާއެއް ހަދައި، 50 އަހަރަށް އެ ރަށް ކުއްޔަށް ދިން ކަމަށެވެ. އަދި އެއްބަސްވުމާ ހިލާފަށް ސަރުކާރުން ދީބާޖާއަށް މުޅި ރަށް ދީފައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ޒުހުރީ ވިދާޅުވިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އެ ކުންފުންޏާ އެކު މި އަހަރުގެ ފެބްރުއަރީ އެކެއްގައި ސަރުކާރުން ހެދި އުތުރު ޕްރޮވިންސްގެ ފެރީ ދަތުރުފަތުރުގެ އެއްބަސްވުން ޓްރާންސްޕޯޓް މިނިސްޓްރީން 2013 ވަނަ އަހަރުގެ މެއި މަހުގެ 30 ގައި ބާތިލް ކޮށްފައި ވަނީ ދީބާޖާއިން އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ނުދޭތީ ކަމަށެވެ.

އެއްބަސް ބާތިލުކުރުމާ ގުލޭ ގޮތުން ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ޒުހުރީ ވިދާޅުވީ، ދީބާޖާ އެއްބަސްވުން ބާތިލު ކުރީ، ޖެހިޖެހިގެން ފަސް ދުވަސް ހިދުމަތް ނުދޭނަމަ، އެއްބަސްވުން ބާތިލު ކުރެވެން އޮންނާތީ، ތަކުރާރުކޮށް ހިދުމަތް ފެށުމަށް އެ ކުންފުންޏަށް ފުރުސަތި ދިނުމަށް ފަހު ކަމަށެވެ. އެގޮތުން މަހަކަށްވުރެ ގިނަ ދުވަހު ފެރީގެ ހިދުމަތް މެދުކެނޑިފައިވާ ކަން ރިކޯޑުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވީ، ދީބާޖާއަށް ބަދަލު ދޭން ޖެހޭ އެއްވެސް ސަބަބެއް އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށެވެ. ބައްދަލު ދޭން ޖެހޭނީ ކޮށްފައިވާ އިންވެސްޓަކަށް ކަމަށާއި، އުފަން ނުވާ ވިޔަފާރިއަކަށް ބަދަލު ދޭން ޖެހޭ ގޮތަށް އަމަލު ކުރުމަކީ ދުނިޔޭގެ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ލިބުނު ގެއްލުމުގެ ތަފްސީލު ހޯދުމަށް ދީބާޖާ ކުންފުނީގައި އެެދުނު ކަމަށާއި ނަމަވެސް އެ ތަފްސީލެއް އެ ކުންފުންޏަށް ނުދެއްކޭ ކަމަށް ޒިޔަތު ވިދާޅުވިއެވެ. އަދި ބަދަލު ހޯދުމަށް އެދި ދީބާޖާއިން ޓްރާންސްޕޯޓަށް ހުށަހެޅި ދެގަނޑުގެ ސިޓީގައިވެސް ތަފްސީލެއް ނެތް ކަމަށް ޒިޔަތު ވިދާޅުވިއެވެ. އެގޮތުން ހުށަހެޅި ދެ ގަނޑުގެ އެ ލިޔުމުގައި ފެރީ ހިދުމަތުގެ އެއްވެސް ރެވެނިއުއެއް ވެސް އެކްސްޕެންސެސް އެއްވެސް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ލިޔުމުގައި ވަނީ 47 އަހަރަށް އަންދާޒާ ކޮށްފައިވާ ރިސޯޓް ހިންގައިގެން ފެރީ ޓާމިނަލާއި ގެސްޓް ހައުސް ހިންގައިގެން ލިބޭނެ އާމްދަނީ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ދީބާޖާއަކީ ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ކުރުމަށް އެއްބަސްވުމެއްގެ ދަށުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި ކުންފުންޏެވެ. ނަމަވެސް 2013ވަނަ އަހަރު އެ ކުންފުންޏާއި އެކުގައި ހަދާފައިވާ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލާފައެވެ. އަދި އެ އެއްބަސްވުން އުވާލާފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށެވެ.

އެ އެއްބަސްވުން އުވާލީ ދީބާޖާ ކުންފުނިން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށްބުނެއެވެ. އެ މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އެ ބަދަލުގެ މައްސަލަބޮޑިވެ އެ މައްސަލައަށް ހައްލެއް ހޯދުމަށް ސެޓްލްމެންޓް ކޮމިޓީއެއް ހަދައި ދީބާޖާއާއެކު ސަރުކާރުން ކުރި މަޝްވަރާތަކަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.