މިހާރު ކޯޓަށް ހުށައަޅާފައިވާ ދެ ކޭހުގެ އިތުރުން އިތުރު ފަސް ކޭހެއް ކުރިއަށް އޮތް ހަފްތާތަކުގައި ކޯޓަށް ހުށައެޅޭނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ.
މިއަދު އެސެޓްސް ރިކަވަރީ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްއަދު ވިދާޅުވީ ކޮމިޝަނާމެދު ޝައްކުކުރެވޭ ނަމަ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ކޯޓަށް ފޮނުވޭ ފަސް ކޭސް އަށް ބެލުމަށް ފަހު ވަކި ފަރާތަކަށް ބުރަވެގެން މަސައްކަތް ކުރޭތޯ ނުވަތަ ނޫންތޯ ނިންމުމަށް އެދިވަޑަައިގަންނަވާ ކަމަށެވެ.
އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ 300 ފަރާތްތައް އޭސީސީ އާއި، ފުލުހުންނާއި ބަންޑާރަ ނައިބުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލާ ގުޅިގެން ހޯދިފައިވާ ކަމަށާއި އޭގައި ބަލާފައިވަނީ، އެ މީހަކު އެ ވަގުތު ހުރި މަގާމެއްގެ އިތުރުން، ފައިސާ ލިބުނު އަދަދާއި ހެކި ހުރި މިންވަރުގެ މައްޗަށްކަމަށް އައްސަދު ވިދާޅުވެފައި ވާއިރު، އެކަމާ ގުޅިގެން މިހާރުވެސް ދައުވާކުރުމަށް ދެ މައްސަލައެއް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި އިތުރު ފަސް މައްސަލަ ދައުވާކުރަން ފޮނުވާނެކަމަށް އަސްއަދު މިއަދު ހާމަކުރެއްވިއެވެ.
"މިހާރު އެ އަދަދު ހުރީ 300 އަށް ވުރެ މަތީގައި. އެކަމަކު މީގެ ދެ ހަފްތާ ފަހުން އެ އަދަދު އަނެއްކާވެސް އިތުރުވެދާނެ. އިތުރުވަނީ، އަޅުގަނޑުމެން މި މައްސަލަ ބަލަމުންދާ ވަރަކުން އެ ލިސްޓަށް އިތުރު ނަންތައް ވަންނަމުންދާތީ" އައްސަދު
އޭގެ އިތުރުން ކޮމިޝަނުން ބަލަނީ ޝައްކުވާ ފަރާތްތަކަށް ފައިސާ ގޮސްފައިވޭތޯ އެކަނި ނޫން ކަމަށާއި އެ ދުވަސް ވަރުގައި ނުވަތަ އެއާ ދުރުނޫން މުސްތަގުބަލެއްގައި މުދާތަކެއް ހޯދާފައިވާނަމަ އެކަންތައް ވެސް ކޮމިޝަނުން ބަލާކަމަށް އައްސަދު ވިދާޅުވިއެވެ. އަދި ވިޔަފާރިއެއް ކުރާނަމަ ވިޔަފާރި ކުއްލި ގޮތަކަށް ފުޅާވެގެން ގޮސްފައިވޭތޯ ވެސް ބަލާ ކަމަށް އައްސަދު ވިދާޅުވިއެވެ.
ހުރިހާ މައްސަލަތައް ބެލުން އަވަސްކުރަން ބޭނުންވާކަން އިނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މައްސަލަ ރަނގަޅަށް ނުބަލާ ނުވަތަ މައްސަލައިގެ އެއްބައި ނިންމާލުމަށް ފަހު ކޯޓަށް ފޮނުވުމުން ތުހުމަތު ކުރެވޭ މީހާ ކުށުން ބަރީއަ ކުރުމަށް، އެއީ ވެވޭ އެހީތެރި ކަމެއް ކަމަށާއި މީގެ ކުރިން ވެސް މިގޮތަށް ކަންކުރެވިފައި އެބަހުރި ކަމަށް އޭނާ ވިދާޅޫވިއެވެ.
ނަމަވެސް ކޮމިޝަނުގެ މަސައްކަތް ރަނގަޅަށް ފުރިހަމަ ނުކޮށް ޕްރޮސެކިއުޝަން އަށް ނުފޮނުވާނެ ކަމަށް އައްސަދު ވަނީ ޔަގީންކަން ދެއްވާފައެވެ.