ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 113 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ޗިލްޑްރަންސް އޮމްބަޑްސްޕަސަންގެ މަގާމަށް މާފަންނު މާފުށީގެ ނިއުމަތު ޝަފީގު އައްޔަނުކުރައްވައިފިއެވެ.

ނިއުމަތު އެމަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަސަންގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އެކަމަނާ ހުންނެވީ ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް (ޔުނިސެފް) ގެ ކޮންސަލްޓަންޓެއްގެ މަގާމުގައެވެ. އަދި، ވޮލެންޓިއަކޮށް މޯލްޑިވްސް ގަލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނާގެ މަގާމު ފުރުއްވުމުގެ އިތުރުން އެ ކަމަނާ ވަނީ ޕާޓް-ޓައިމްކޮށް މަތީ ތައުލީމު އުނގަންނައިދޭ ބައެއް މުއައްސަސާތަކުގައި ލެކްޗަރާ އެއްގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ނިއުމަތު ޝަފީގަކީ އިންޓަނޭޝަނަލް މާސްޓަ އިން އަލީ ޗައިލްޑްހުޑް ހާސިލުކުރައްވާފައިވާ ބޭކަނބަލެކެވެ. އޭގެ އިތުރުން، އެކަމަނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލެންޑުން ބެޗެލަ އޮފް އާލީ ޗައިލްޑްހުޑް ހާސިލުކުރައްވާފައެވެ.

ޗިލްރަންސް އޮމްބަޑްސްޕަސަންގެ އޮފީހަކީ، މި ގާނޫނުގެ ދަށުން އުފައްދަވާފައިވާ މިނިވަން، މުސްތަގިއްލު އިދާރާއެކެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ، އެ ގާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ބާރުއެޅުން ހިމެނެއެވެ.

އޭގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ އާހަދާއާއި އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ، އެ މުއާހަދާއާއި އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން ވެސް ހިމެނެއެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާކުރުމެވެ.