ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިން އެންޑް އިކޮނޮމިކް ރިކަވަރީ" އާ ބައްދަލުކުރައްވައި، ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ހާލަތުން އަރަގަނެ އިގްތިސާދު ނެގެހެއްޓުމަށް މެދު ރާސްތާގައި ކުރުމަށް ރާވާފައިވާ ކަންކަމާ މެދު މަޝްވަރާ ކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގައި ހިމެނޭ "ވާކިން ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ" އިން ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯސްގެ މެންބަރުންގެ މަޝްވަރާއަށް ދެ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

އެ ގޮތުން ހުށަހެޅި ފުރަތަމަ ޕްރެޒެންޓޭޝަންގައި، ކޮވިޑް-19 ގެ ސަބަބުން މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން އަސަރުކޮށްފައިވާ މީހުންނާއި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ކުރިއަށް ރާވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާފައިވެއެވެ.

އޭގެ އިތުރުން، ވިޔަފާރިއާ ގުޅޭ އަދި ސަރުކާރުގެ ބައެއް ހިދުމަތްތައް ލާމަރުކަޒުކޮށް، އަތޮޅުތަކުގައި އިގްތިސާދީ ހަރަކާތްތައް އިތުރު ކުރާނެ ގޮތްތަކާއި، މީހުންގެ ދިރިއުޅުން އަތޮޅުތަކަށް ބަދަލުކުރުމުގައި އެހީތެރިވެދެވިދާނެ ބައެއް ގޮތްތައް އެ ޕްރެޒެންޓޭޝަންގައި ހިމަނާފައިވެއެވެ.

އެ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯސްގެ މެމްބަރުން ވަނީ، ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ހިންގުމަށް ރާވާފައިވާ މަޝްރޫއުތަކާއި، ގެންނަން ނިންމަވާފައިވާ ބަދަލުތައް ހަލުވިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ވާކިން ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އިން ދެވަނައަށް ހުށަހަޅާފައި ވަނީ ސިންދަފާތުވެފައިވާ އިގްތިސާދެއްގައި ދަނޑުވެރިކަމުގެ ދައުރު އިތުރަށް ފުޅާކޮށް، ދަނޑުވެރިކަމަކީ އިގްތިސާދުގެ މުހިންމު ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ރާވާފައިވާ ކަންކަމާއި ގުޅޭ ޕްރެޒެންޓޭޝަނެކެވެ.

އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޓާސްކްފޯސްގެ މެމްބަރުން ވަނީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ދަނޑުވެރިންގެ އުފެއްދުންތައް ގަނެ، އެ ތަކެތި މާކެޓްކޮށް ވިއްކުމާއި، ސަޕްލައި ޗެއިން ތަރައްގީ ކުރުމުގެ މަގްސަދުގައި އުފައްދަވާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި، އެ މަސައްކަތްތައް ހަލުވިކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

އޭގެ އިތުރުން، އެ ސިނާއަތް ތަރައްގީ ކުރުމުގައި ދަނޑުވެރިންނާއި، އެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރާނެ ގޮތްތަކާ މެދު ވެސް އެ ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.