ގައުމީ ސަލާމަތަށް ނުރައްކާ ވާ ހިސާބަށް ބައެއް ކަންކަން ގޮސްފައި ވާހަކައިގެ އަޑު ގަދަވެފައިވާ ދުވަސް ވަރެއްގައި، އިންޑިއާއިން ރާއްޖެއަށް ޑޯނިއާ މަތިންދާ ބޯޓެއް ހަދިޔާ ކުރާ ވާހަކަ އަކީ އެއް ގޮތަށް ވުރެ ގިނަ ގޮތްގޮތުން ނުދައްކާ ދޫކޮށްލެވޭ ވަރުގެ ވާހަކައެއް ނޫނެވެ.

އެ ޑޯނިއާއެއްގެ ވާހަކަ އަކީ ނިމިދިޔަ ސަރުކާރުގައި ދައްކާ ބާކޮށްފައި އޮތް ވާހަކައެކެވެ. އެ ވާހަކަ ގުޅިފައި އޮތީ ދެ އަހަރުން ދެ އަހަރުން އާ ކުރާ ގޮތަށް 2010 ވަނަ އަހަރު ހެދި ހެލިކޮޕްޓަރު އެއްބަސްވުމާއެވެ. އެއީ ރާއްޖޭގެ އޭވިއޭޝަނަށް ސަޕޯޓެއްގެ ގޮތުގައި ކުރި ކަމެއް ކަމުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ބުނި ނަމަވެސް، ޖެހިގެން އައި ރައީސް ޔާމީނުގެ ސަރުކާރުގައި އެ ހެލިކޮޕްޓަރު ތަކުގެ މާ ބޮޑު ބޭނުމެއް ނުކުރެވި އެ ތަކެތި އަނބުރާ ގެންގޮސް ބަދަލުގައި މަތިންދާ ބޯޓެއް ދިނުމަށް އެދުނެވެ.

ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރު ނިމި ދިޔައީ މަތިންދާ ބޯޓުވެސް ނުލިބި، އިންޑިއާއިން ހެލިކޮޕްޓަރުތައްވެސް ނުގެންގޮސް އޮއްވައެވެ.

ހެލިކޮޕްޓަރުތައް ގެނައިތާ ބަރާބަރު 10 އަހަރު ފަހުން، އިންޑިއާއިން މަތިންދާބޯޓު ދޭ ވާހަކަ ވައިގާ ހިފި އިރު ވިސްނުން ހިންގާލަން ޖެހޭ މުހިންމު ކަންތައްތަކެއް ހިނގައިފިއެވެ. އަދި ހިނގަމުންވެސް އެބަދެއެވެ.

އެއް ކަމަކީ، ރާއްޖެއިން މިވީހާތަނަށްވެސް ތަފްސީލު ހާމަކޮށްފައި ނުވަނީސް، ހދ ހަނިމާދޫ އެއާޕޯޓު ބޮޑުކުރާ ވާހަކަ އިންޑިއާއިން ބުނުމެވެ. އެވާހަކައާ އެކު އިންޑިއާއިން ބުނެފައިވަނީ އެއީ ޑިސެމްބަރު 2018 ގައި ރައީސް ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާނު ކުރި ކަމެއް ކަމަށެވެ. ނަމަވެސް މިކަން އެއްވެސް ފަރާތަކުން ތަފްސީލު ކޮށްފައެއް ނެތެވެ.

އިންޑިއާއިން މިވާހަކަ ތިލަކޮށްލި އިރު، ޑޯނިއާ ބޯޓާ ގުޅޭ އެތައް ވާހަކައެއްވެސް އެބަހުއްޓެވެ. އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި، މިހާރު ދޭން އުޅޭ ޑޯނިއާ ބޯޓަކީ، ކޮވިޑްގެ ކުރިން މޯދީ ރާއްޖެއަށް ވަޑައިގަތުމަށް ފަހު ދޭން ހަމަޖައްސާފައި އޮތް ބޯޓެކެވެ. ނަމަވެސް އޭރު އެކަން ހިނގާފައި ނުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަމަށް އޭރު އެއްބަސްވެވަޑައި ނުގަތުމުން ކަމަށް ވެއެވެ. އަދި އޭރު އަސްކަރިއްޔާ ނުވަތަ ނޭޝަނަލް ސެކިއުރިޓީއާ ގުޅޭ 3 އެއްބަސްވުމެއްގެ ޑްރާފްޓް ގެންގުޅުނު ކަމަށާއި އެއިން އެއްވެސް އެއްބަސްވުމަކީ ރައީސްގެ އެޕްރޫވަލް އޮތް އެއްބަސްވުމެއް ނޫން ކަމަށްވެސް ވެއެވެ.

ނަމަވެސް މިހާރު ޑޯނިއާ ގެންނަން މަޖުބޫރު ވެގެން އުޅެނީ، ކޮވިޑާ ގުޅިގެން ދިމާވި ގިލަންވެރިކަމުގައި ރާއްޖެ އިނދަޖެހި ފައިސާއަށް ޖެހުމުން އިންޑިއާއާއެކު ހެދި ކަރަންސީ ސްވޮޕްގެ ބަދަލުގައި ކަމަށް މައުލޫމާތު ދިން މަސްދަރުން ބުނެއެވެ. އިންޑިއާއިން ކަރަންސީ ސްވޮޕް ހަދައި ދިނީ އެ ބޯޓު ރާއްޖެ ގެންނަން ސަރުކާރުން އެއްބަސްވުމުން ކަމަށާއި، އިންޑިއާގެ ބޭނުމަކީ އެގައުމުގެ ޕްރެސެންސް (ރާއްޖޭގައި ގާއިމުވެ ތިބުން) ވަރުގަދަ ކުރުން ކަމަށްވެސް ވެއެވެ.

މިހާރުވެސް ރާއްޖޭގައި އޮޕަރޭޓް ކުރާ 2 ހެލިކޮޕްޓަރު ބެލެހެއްޓުމުގެ ނަމުގައި އިންޑިއާގެ 26 މީހަކު ހަރަކާތްތެރިވާ އިރު ހަވާލު ކުރާ ޑޯނިއާ ބެލެހެއްޓުމުގެ ނަމުގައި އިތުރު 30 މީހުންނަށް ރާއްޖޭގައި ތިބެވޭނެ ގޮތް ހަދައިދޭން ޖެހޭ ކަމަށްވެސް މައުލޫމާތު ދިން މަސްދަރުން ވަނީ ބުނެފައެވެ.

ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ފެށިފަހުން ބަރާބަރު 10 އަހަރު ވީ އިރު، ރާއްޖޭގައި ގެއެއް ކުއްޔަށް ހިފައިގެން އުޅޭތާ 10 އަހަރު ވެއްޖެއްޔާ ރެސިޑެންޓް ވިސާ ދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުންވެސް މިކަމާ ގުޅުވާލެވެއެވެ. 10 އަހަރު ވުމުން ރެސިޑެންޓް ވިސާ ދޭން ހިންގާ ކެމްޕޭނުގެ އަނެއް ފަރާތުގައި އިންޑިއާގެ މަޖުބޫރުގެ ތެރޭގައި އިތުރު އެގްރީމެންޓްތައް ހެދުންވެސް ލާޒިމު ކުރާ ކަމަށް ދަނީ އަޑުތައް ގަދަވަމުންނެވެ.

ހަމަ އެއާއެކު އައްޑު އަތޮޅު ހިތަަދޫގެ 1 ކިލޯމީޓަރު ސަރަހައްދެެއް ނަގައިގެން އިންޑިއާއިން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށް ވާ ޕޮލިސް ޓްރޭނިން ސްކޫލަކީވެސް މި ކަމުގެ މުހިންމު ބިނާއެއްކަމަށްވެސް ދަނީ ވާހަކަ ދެކެވެމުންނެވެ. އިންޑިއާގެ ޓީމުތައް އެ މަރުކަޒަށް ދޭތެރެ ދޭތެރެއިން ޒިޔާރަތް ކުރާ އިރު ހުސްވި މާޗް މަހުވެސް ޓީމެއް ޒިޔާރަތް ކޮށް މަސައްކަތް ނިމެމުން ދާ ވަރު ދަނީ މޮނިޓާ ކުރަމުންނެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންނާ ހެދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވާ ހިސާބަށް ގޮސްފައިވާ ކަމަށް ސަލާމަތީ ބާރުތަކުން ބުނާ އިރު، ބޯމަތިވަމުން މި އަންނަނީ ކަޅު ބޯ ވިލާގަނޑެއް ނޫންބާވައޭ އެބަ ހިތައް އަރައެވެ.