އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖޭގައި ބާއްވާ ވާހަކަ ދޮގުކޮށް ގެންދަނީ ޑޯނިއާ މަތިންދާ ބޯޓެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ބާއްވާ ވާހަކަ ތިލަވެފައި ވަނިކޮށް "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާ އިބްރާހިމް ހޫދު ވިދާޅުވެފައި ވަނީ ރާއްޖޭގައި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ބާއްވާ ވާހަކަ އަކީ ދޮގެއް ކަމަށެވެ.
މިވާހަކަ ފޮރިން މިނިސްޓްރީގައި އެހުމުން، އެމިނިސްޓްރީން ބުނީ، ރާއްޖެއަށް މަތިންދާ ބޯޓެއް ގެންނަ ވާހަކަ އަކީ ތެދެއް ކަމަށާއި، ނަމަވެސް އެއީ، ޑޯނިއާ މަތިންދާ ބޯޓެއް ކަމަށެވެ. އަދި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހޯދަން މަސައްކަތް ކުރި ބޯޓެއް ކަމަށްވެސް ބުނެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި އިންޑިއާއިން ދުއްވަމުން ދިޔަ 2 ހެލިކޮޕްޓަރުގެ ބަަދަލުގައި މަތިންދާ ބޯޓެއް ހޯދަން މަސައްކަތް ކުރިއެވެ. ނަމަވެސް އެއީ، 2 ހެލިކޮޕްޓަރު ބޭނުން ނުވާތީ އެ 2 ހެލިކޮޕްޓަރު ފޮނުވާލުމުގެ ބޭނުމުގައި ދެއްކި ވާހަކައެއް ކަމަށް އޭރުގެ ސަރުކާރުން ބުނެފައި ވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިހާރު ގެންނަން ތައްޔާރުވެފައިވާ ޑޯނިއާ މަތިންދާ ބޯޓަކީ އޭރުވެސް އޮތް އެއްބަސްވުމުގެ ދަށުން ގެންނަ ބޯޓެއް ކަމަށާއި، މި ސަރުކާރުން އާ އެއްބަސްވުމެއް ހަދާފައި ނުވާ ކަމަށެވެ.
އޭރު އޮތް އެއްބަސްވުމުގެ ދަށުން، ބޮޑު އަމާޒެއް އޮންނަނީ ދިވެހި ޕައިލެޓުން ތަމްރީނު ކުރުމަށް ކަމަށްވެސް ބުނެފައި ވެއެވެ.
ރާއްޖެ ގެންނަ އިންޑިއާގެ ބޯޓު ދުއްވާނީ ދިވެހި ޕައިލެޓުންނާއި އިންޑިއާގެ ޕައިލެޓުންނެވެ. މި ބޯޓު ބޭނުން ކުރާނީ ސާޗް އެންޑް ރެސްކިއު މަސައްކަތުގައި ކަމަށް ވެސް ބުނެއެވެ.