އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖޭގައި ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އިންޑިއާގެ އަސްކަރީ މަތިންދާ ބޯއްޓެއް ރާއްޖޭގައި ބޭއްވުމަށް ސޮއި ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ތަކަކީ ދޮގު ވާހަކަ ތަކެއް ކަމަށެވެ.
އޮންލައިން މީޑިއާއެއް ކަމަށް ވާ ދިޔަރެސް ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖޭގައި ބޭއްވުމަށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދާދި ފަހުންނެވެ.
އެ އެއްބަސްވުމުގެ މައުލޫމާތު އެނގޭ ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތް ކަމަށް ބުނެ އެ ނޫހުގައި ބުނެފައި ވަނީ އެ އެއްބަސްވުމުގެ ދަށުން އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެ ގެނެސް ރާއްޖޭގައި ބޭނުން ކުރަން ފަށާނެ ކަމަށާއި އެ މަތިންދާ ބޯޓާ އެކު ހަތިޔާރު އެޅި އިންޑިއާ ސިފައިންވެސް ރާއްޖެ އަންނާނެ ކަމަށެވެ.
އަދި އަންނަ އިންޑިއާގެ ސިފައިން ތިބޭނީ ރާއްޖޭގެ ކޮންމެވެސް އެއާޕޯޓެއްގައި ކަމަށްވެސް ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އިން ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކާ ސުވާލު ކުރުމުން އެނގުނީ އެފަދަ އެއްބަސްވުމެއް ނެތް ކަމަށެވެ.
އިންޑިއާ އަކީ ރާއްޖެއަށް ގިނަ ދާއިރާތަކުން އެހީތެރިވެދޭ ގައުމެކެވެ. އޭގެ ތެރޭގައި އިޖުތިމާއީ، އިގްތިސޯދީ، ތައުލީމީ އަދި އަސްކަރީ ދާއިރާވެސް ހިމެނެއެވެ.
މިހާރުވެސް ރައްޖޭގައި އިންޑިއާއިން ދީފައި އޮތް 2 ހެލިކޮޕްޓަރު އޮޕަރޭޓް ކުރެއެވެ. އަދި އެ ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިންވެސް ހަރަކާތްތެރި ވެއެވެ. މީގެ ކުރިން އެމްއެންޑީއެފުން ހާމަ ކުރި ހިސާބުތަކަށް ބަލާއިރު، 2 ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން 50 ސިފައިން ރާއްޖޭގައި ހަރަކާތްތެރި ވިއެވެ. ހަމަ އެއާއެކު އައްޑޫ ސިޓީ ހިތަދޫގައި އިންޑިއާގެ އެހީއާއެކު 1 ކިލޯމީޓަރު ސަރަހައްދެއްގައި ދަނީ ޓްރޭނިން ސްކޫލެއް އަޅަމުންނެވެ. ދާދި ފަހުން އިންޑިއާގެ ޓީމެއް ވަނީ އެތަނަށް ޒިޔާރަތްވެސް ކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގެ އުތުރުން ހދ ހަނިމާދޫގެ ވައިގެ ބަނދަރު ތަރައްގީ ކުރުމަށްވެސް އިންޑިއާއިން އެހީދޭން ވަނީ ނިންމާފައެވެ.