ދީބާޖާ އެއްބަސްވުން ބާތިލްކުރުމުން އިސާ ދޭން ޖެހޭ ބަދަލެއް ނޯންނާނެ ކަމަށް އޮޑިޓާ ޖެނެލް އޮފީހުން ބުނެފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ރިޕޯޓްގައި ބުނީ އެ ކުންފުންޏާ އެކު މި އަހަރުގެ ފެބްރުއަރީ އެކެއްގައި ސަރުކާރުން ހެދި އުތުރު ޕްރޮވިންސްގެ ފެރީ ދަތުރުފަތުރުގެ އެއްބަސްވުން ޓްރާންސްޕޯޓް މިނިސްޓްރީން 2013 ވަނަ އހަރުގެ މެއި މަހުގެ 30 ގައި ބާތިލް ކޮށްފައި ވަނީ ދީބާޖާ އިން އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ނުދޭތީ ކަމަށެވެ.

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކޮށް ނެރުނު އޮޑިޓް ރިޕޯޓުގައި ސަރުކާރަށް އަންގާފައިވާގޮތުގައި ފެރީ ދަތުރުފަތުރުތައް ހުއްޓުމަކަށް އައުމާއި އަދި އެއްބަސްވުމާ އެއްގޮތަށް އަލުން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން ދިން މުހުލަތުތަކުގެ ތެރޭގައި ވެސް އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދީފައި ނުވުމުން، އެ އެއްބަސްވުމުގެ ބައެއް ކަމުގައިވާ އާރްއެފްޕީގެ 6.32.1 ވަނަ މާއްދާގެ (ޑީ) ގެ ދަށުން އެ އެއްބަސްވުން ބާތިލްކުރުމަށް ސަރުކާރަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް ވާތީ، ދަތުރުފަތުރުގެ އެއްބަސްވުން އުވާލުމާ ގުޅިގެން ދީބާޖާ އިންވެސްޓްމެންޓް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދޭން އަންގާ ކަމަށެވެ.

ފެރީ ދަތުރުފަތުރުތައް ހުއްޓުމަކަށް އައުމާއި އަދި އެއްބަސްވުމާ އެއްގޮތަށް އަލުން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން ދިން މުއްދަތުގެ ތެރޭގައި ވެސް އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދީފައި ނުވޭ. އެ އެއްބަސްވުމުގެ ބައެއް ކަމުގައިވާ އާރްއެފްޕީގެ 6.32.1 ވަނަ މާއްދާގެ "ޑީ" ގެ ދަށުން އެ އެއްބަސްވުން ބާތިލްކުރުމަށް ސަރުކާރަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް ވާތީ، ދަތުރުފަތުރުގެ އެއްބަސްވުން އުވާލުމާ ގުޅިގެން ދީބާޖާ އިންވެސްޓްމެންޓް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދިނުމަށް ދަންނަވަން
އޮޑިޓް ރިޕޯޓު

ިއެ ރިޕޯޓްގައި އިތުރައް ބުނެފައި ވަނީ ދަތުރުފަތުރުގެ އެއްބަސްވުން އުވާލެވޭއިރު އެ ރަށް އެހެން ފަރާތަކަށް ސަބްލީޒްކޮށްފައިވާ ނަމަ އެ ފަރާތަކާއެކު އަލުން ސަރުކާރުން އެއްބަސްވުން ހަދައިގެން ކުރިއަށް ގެންދާގޮތަށް ކަމަށް ވާތީ ދަތުރުފަތުރުގެ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ގޮތުގެ މަތިން އެ ރަށް މިހާރު ވަނީ ސަބްލީސް ކުރި ފަރާތަށް ހެޑް ލީސް ބަދަލު ކުރެވިފައި ކަމަށް ވާތީ ދީބާޖާ އިން ހޯދުމަށް ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުވަތަ މާލީ ބަދަލެއް ދޭން ނުޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ޓޫރިސްޓް ރިސޯޓު/ހޮތާ ފަދަ ތަންތަން ތަރައްގީކޮށް ހިންގުމަށް ދޫކުރާ ފަޅު ރަށްތައް ހޯދުމަށްފަހު، ހިދުމަތްތައް ފޯރުކޮށްދިނުމާ ހަވާލުވާ ފަރާތުން އެ ހިދުމަތްތައް ހުއްޓާލުމުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަރިލާން ޖެހި ދައުލަތައް ގެލުންވަމުންދާތީ އާންމު ހިދުމަތްތައް ފޯރުކޮށްދިނުމާ ގުޅުވާއިގެން ދޫ ނުކުރާނެ ކަމަށެވެ.

އަދި ދަތުރުފަތުރުގެ އެއްބަސްވުމުގެ ދަށުން ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް މީހުން ދިރިނޫޅޭ ރަށަކުން 15 ހެކްޓަރުގެ ބިން ދީބާޖާ އަށް ދިނުމަށް ހަމަޖައްސާފައިވީ ނަމަވެސް 2010 ވަނަ އަހަރުގެ މެއި ފަހެއް ގައި ސޮއި ކުރި ލީސް އެގްރިމެންޓްގެ ދަށުން ދީބާޖާ އަށް ކުޑަކުރަތު ދޫކޮށްފައިވަނީ އެ ރަށުގެ މުޅި ބިމާއި ފަޅު ހިމެނޭ ގޮތަށް 37.6 ހެކްޓަރުގެ ބިން ކަމަށް ވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

ދީބާޖާއަކީ ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ކުރުމަށް އެއްބަސްވުމެއްގެ ދަށުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި ކުންފުންޏެވެ. ނަމަވެސް 2013ވަނަ އަހަރު އެ ކުންފުންޏާއި އެކުގައި ހަދާފައިވާ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލާފައެވެ. އަދި އެ އެއްބަސްވުން އުވާލާފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށެވެ.

އެ އެއްބަސްވުން އުވާލީ ދީބާޖާ ކުންފުނިން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށްބުނެއެވެ. އެ މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އެ ބަދަލުގެ މައްސަލަބޮޑިވެ އެ މައްސަލައަށް ހައްލެއް ހޯދުމަށް ސެޓްލްމެންޓް ކޮމިޓީއެއް ހަދައި ދީބާޖާއާއެކު ސަރުކާރުން ކުރި މަޝްވަރާތަކަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.

ސަރުކާރުން އެ ފައިސާ ދޭން ނިންމާފައިވާ ނަމަވެސް ދީބާޖާ އަށް އަދި އެ ފައިސާ ދޫކޮށްފައެއް ނުވެއެވެ. އެކަން ހުއްޓުވާފައިވަނީ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅި އެ މަޖިލީހުން ވަނީ ހުކުމް އެއްކޮށް ރިވިއު ކުރަން ހުށަހަޅަން ބަންޑާރަ ނައިބު އޮފީހުގައި އެދެން ފާސްކުރުމާ ގުޅިގެންނެވެ.